އަނަސް މަރާލި މައްސަލައިގައި ހައްޔަރުކުރި އަފްރާހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކްރިމިނަލް ކޯޓުން އަފްރާހުގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
އަފްރާހަކީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ފުލުހުން ހޯދަން އިއުލާން ކުރި ދެ މީހުންގެ ތެރެއިން އެކަކު އެވެ.
އަނަސް މަރާލި މައްސަލާގައި ފުލުހުން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން ތ. ކިނބިދޫ، ގުލްފާމުގޭ މުހައްމަދު ޝާޒް،21، ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.
އަނަސްގެ މަރުގެ މައްސަލައާ ގުޅިގެން މީގެ ކުރިން އޯގަސްޓް 17 ވަނަ ދުވަހު ފުލުހުން ވަނީ މ. ދިމިޝްކުގެ ބަލާފާސްކޮށް އުމުރުން 23 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ވެސް ހައްޔަރު ކޮށްފަ އެވެ.
ސެޕްޓެމްބަރު 27 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަނަސްގެ މަރުގެ މައްސަލައިގެ ތަހްގީގު 99 ޕަސެންޓް ނިމިފައިވާ ކަމަށެވެ.