ހުޅުމާލެ ހޮސްޕިޓަލްގައި ކެންސަރު ޕޭޝަންޓުންނަށް ފަރުވާދޭ ސެންޓަރެއް އިންޑިއާގެ އަމްރީތާ ހޮސްޕިޓަލާއި ގުޅިގެން ހުޅުވައިފިއެވެ.
"އޮންކޮލަޖީ ސެންޓަރު" ހުޅުއްވައި ދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
ސެންޓަރ ހުޅުއްވައި ދެއްވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ މިފަދަ ސެންޓަރެއް ހުޅުވުމުގެ މަޤްސަދަކީ ދިވެހި ރައްޔިތުންނަށް ރާއްޖޭއިން ބޭރަށް ބޭސްފަރުވާއަށް ދާން ނުޖެހި އަމިއްލަ ޤައުމުގައި ހުރެގެން ފަރުވާ ލިބިގަންނާނެ މަގު ފަހި ކޮށްދިނުން ކަމަށެވެ. .
އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު އެކަނިވެސް 1527 ފަހަރު ކެންސަރަށް ފަރުވާ ހޯދުމަށް މީހުން ފޮނުވާފައިވާ ކަމަށާއި އަދި މިއަހަރުގެ ފުރަތަމަ އަށް މަހުގައިވެސް އެއްހާހަށް ވުރެ ގިނަ މީހުން ފަރުވާ ހޯދުމަށް ފުރާފައިވާ ކަމަށްވެސް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން އަލީ ވިދާޅުވީ މިފަދަ ސެންޓަރެއް ފުރަތަމަ ފަހަރަށް މިކަހަލަ ސެންޓަރެއް ޤާއިމްކުރެވިގެން ދިޔުމަކީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް ގެނެވުނު ވަރަށް ބޮޑު އިންގިލާބެއް ކަމަށެވެ.
މީގެ އިތުރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗް.އެމް.އެޗް ކޯޕަރޭޓްގެ އެސިސްޓަންޓް މެނޭޖަރ އަޙްމަދު އަޒީމް ވިދާޅުވީ "އޮންކޮލަޖީ ސެންޓަރ" އަކީ ހަމައެކަނި ކީމޯ ދިނުމަށް ތައްޔާރުކޮށްފައިވާ ތަނެއް ނޫން ކަމަށާއި ކެންސަރު ބައްޔާއި ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ކައުންސިލިންގެ ޙިދުމަތް އެ ސެންޓަރު މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.
"އޮންކޮލަޖީ ސެންޓަރ" މިއަދު ހުޅުވާފައިވާ އިރު މާދަމާ އިން ފެށިގެން ރައްޔިތުންނަށް ސެންޓަރުގެ ޚިދުމަތް ލިބިގެންދާނެ އެވެ.