ރާއްޖެ އާއި ބެހޭ ޙާއްސަ ޤަރާރެއް ވިލާތުގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހަށް މާދަމާ ހުށަހަޅަން ނިންމައިފިއެވެ.
މި ޤަރާރުގެ ކުރިން ރާއްޖޭގެ ސިޔާސީ މަޝްރަހާއި ބެހޭ ޙާއްސަ ބަހުސެއް ވިލާތުގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގައި މާދަމާ ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އީޔޫއަށް މިފަދަ ޤަރާރެއް ހުށަހަޅާފައިވާއިރު ދިވެހިރާއްޖޭގެ ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތައް މިނިވަން ކުރުމަށް 30 ޤައުމަކުން ރާއްޖެއަށް ވަނީ ޖޫން މަހު ގޮވާލާފައެވެ.
ޖެނީވާގައި ކުރިއަށްދިޔަ އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ 35 ވަނަ ސެޝަންގައި ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން 30 ގައުމެއް އެކުގައި އިއްވި ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތައް މިނިވަންކޮށް، އެ މުއައްސަސާތަކަކީ ޑިމޮކްރަސީ ދެމެހެއްޓުމަށް އެ މުއައްސަތަކާއި މަތިކޮށްފައިވާ ޒިންމާދާރު ގޮތުގައި ފާރަވެރިވާން ޖެހޭ ފަރާތްތަކަށް ފާރަވެރި ވެވޭނެ ބަޔަކަށް ހެދުމަށް ގޮވާލާކަމަށެވެ.
ބާރުވެރި އިދިކޮޅު ސިޔާސީ ހަރަކާތަކީ ދުޅަހެޔޮ ޑިމޮކްރަސީއެއްގެ މުހިއްމު އަސާސެއްކަން ފާހަގަކޮށް، ޤައުމުތަކުން ވަނީ، ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް އެއްވެ އުޅުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ. އަދި ހަމަ އެއާއިއެކު އިދިކޮޅު ހަރަކާތް ހިންގުމާއި، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންނަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެ، ތަފާތު ސިޔާސީ ފިކުރު ފާޅުކުރެވޭނެ މާހައުލެއް އޮތުމުގެ މުހިއްމުކަން އެ ޤައުމުތަކުން ވަނީ ފާހަގަކޮށްފައެވެ.