ސަރުކާރުގެ ކުންފުނިތަކުން ހިންގާ ވައްކަމުގެ ޒިންމާ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ޑީޑީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމްގައި ޑރ. ޑީޑީ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގައި ވައްކަން ނުކުރާ ވެރިޔަކު ހުރި ކަމުގައިވާނަމަ އެމީހަކަށް މާ ގިނަ ދަވަހަކު އެ ވަޒީފާއެއްގައި ނުހުންނެވޭނެ ކަމެވެ. ސަބަބަކީ އެމީހަކު އަމިއްލައަށް މަޤާމުން އިސްތިއުފާ ދޭން ޖެހުމާއި ނުވަތަ ސަރުކާރުން އެމީހަކު މަޤާމުން ވަކިކުރުމެވެ.
ޑރ. ޑީޑީ ވިދާޅުވީ ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށް ކޮށްފައިވީ ނަމަވެސް ސަރުކާރުން އެމީހަކަށް ޕްރޮމޯޝަން ދޭ ހިސާބުން، ސާބިތު ވާކަމަކީ ހިންގާފައިވާ ޖަރީމާތަކުގެ މުގުލުގައި ސަރުކާރުގެ އިސް ފަރާތްތައް ހިމެނޭ ހިމެނުން ކަމަށެވެ.
ސަރުކާރު ކުންފުނިތަކުން ކުރާ ވައްކަމުގެ ބައި އެޅިގެންދަނީ ޝައްކެއްވެސް ނެތް ގޮތުގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ކަމަށް ޑރ ޑީޑީ ފާހަގަކުރެއްވިއެވެ.
ޑރ. ޑީޑީ ވިދާޅުވީ ސަރުކާރަށް ނިސްބަތް ވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވައްކަމުގެ ފައިސާގެ ބައި އަޅަމުންދާ ވާހަކަތަކަކީ ހަޤީޤަތެއް ކަމަށެވެ.
ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުން ތިއްބެވީ ރައީސް ޔާމީންގެ ނުފޫޒުގެ ދަށުގައި ބިރުން ކަމަށް ޑރ. ޑީޑީ ވަނީ ފާހަގަކުރައްވާފަ އެވެ.