ރާއްޖޭއިން ބޭރަށް ނުދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ހައިޖެކް ކޮށްފައިވާ ކަމަށް، އެމަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މަޖިލީސް ރައީސް މަސީހު ރާއްޖޭއިން ބޭރަށް ވަޑައިގެންފިނަމަ އަބުރާ ރާއްޖެއަށް ވަޑައިނުގަތުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ ވާހަކަދައްކަވައިގެން ކަންތައްތައް ހައްލުކުރައްވަން މަސީހު ބޭނުންފުޅުވެނުލައްވާ ކަމަށާއި އަދި އިދިކޮޅު ފަރާތްތަކާއި ވާހަކަދައްކަވައިގެން ކަންތައްތައް ހައްލުކުރައްވަން މަސައްކަތް ކުރައްވާފައިވެސް ނުވާ ކަމަށެވެ.
ވަކީލުން ސަސްޕެންޑު ކުރި މައްސަލަ އާއި ބެހޭގޮތުން ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ޤާނޫނު އަސާސީއާ ޚިލާފަށް މި ސަރުކާރުން ތަކުރާރުކޮށް ކަންތައްތައް ކުރަމުންދާތީ ވަކީލުން މަސައްކަތް ފެއްޓެވީ، އެކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ކަމަށެވެ.
"މީހަކު އެއްޗެކޭ ބުނީމަ ފުރަތަމަ ބަލަންވީ އެމީހަކު އެ ބުނީ ކީކޭތޯ. އެމީހަކާއި ދޭތެރޭ ފިޔަވަޅު އެޅުމުގެ ކުރިން އެމީހެއްގެ ކައިރީގައި އަހަންޖެހޭނެ. ޝަރީއަތް ކުރެވެން ޖެހޭނެ" އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިން ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އުޅުއްވަނީ ޖުޑިޝަރީ ހިޞާރުކުރައްވައިގެން ކަމަށާއި ސުޕްރީމް ކޯޓުން ފެށިގެން ހައި ކޯޓްވެސް އޮތީ އެމަނިކުފާނުގެ އަތްޕުޅުގެ ދަށުވެފައި ކަމަށެވެ.
މި ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް ފާހަގަކުރައްވާ، އަލީ ހުސެއިން ވިދާޅުވީ، ސިޔާސީ ބޭފުޅުންނާއި މެދު މި ސަރުޚާރުން އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.
މީގެ އިތުރުން އަލީ ހުސެއިން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ވަކީލުންގެ އަޑު ކޮންމެވެސް ދުވަހަކުން އައްސަވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.