މި އަހަރު ސެޕްޓެމްބަރ މަހު 20 އިން 30 އަށް މިސްރުގެ ގާހިރާގައި ބޭއްވުނު "އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ފެސްޓިވަލްގައި ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ ވަރުލާކަން ދައްކާލައިފި އެވެ.
މި ފެސްޓިވަލްގައި ރާޅުގަނޑު ބޮޑުބެރު ގްރޫޕުން ޖުމްލަ ވަނީ ހަތް ހުށަހެޅުމެއް ހުށަހަޅައިދީފަ އެވެ.
ރާޅުގަނޑު ބޮޑުބެރު ގްރޫޕުގެ ފައުންޑާ މެމްބަރު ހައްމާދު ރަޝީދު (ހަމްޕު) ބުނީ މި ފެސްޓިލްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ ނޭޝެނަލް ސެންޓަރ ފޯ ދި އާރޓްސްގެ ހުށަހެޅުމަކުން ކަމަށާއި ރާއްޖޭގެ ބޮޑުބެރު ޓީމްތަކާއި ވާދަކޮށްގެން މިސްރުގައި ޕާރފޯމް ކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.
ހަމްފު ބުނީ މި ފެސްޓިވަލްގައި ބައިވެރިވުމަށް އެ ގްރޫޕްގެ ފަރާތުން ބޮޑެތި ޙަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. ސަބަބަކީ ރާޅުގަނޑު ގްރޫޕްގެ ހުވަފެނީ މަންޒިލަކީ މިސްރަށް ވުމުންނެވެ.
ހަމްޕު އިތުރަށް ބުނީ ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ ތަފާތު މޮޅެތި ހުށަހެޅުންތަކަށް މިސްރުގެ ގިނަ ބައެއްގެ ލޯތްބާއި ތަރުޙީބު ލިބުނު ކަމަށާއި ފެސްޓިވަލް ނިންމާލުގެ ރަސްމިއްޔާތުގައި ޕާރފޯމް ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ދިވެހި ރާއްޖެއަށް ލިބުމުން އެކަމާއި އުފާވެ، ފަހްރުވެރިވާ ކަމަށެވެ.
ރާއްޖޭގެ ހުށަހެޅުންތައް ތަފާތު ވާހަކަ އާއި ރާޅުގަނޑު ބޮޑުބެރު ގްރޫޕުން ހުށަހެޅި ފޯރިގަދަ ހުށަހެޅުންތައް ބެލުންތެރިންނަށް ކަމުދިޔަ ވާހަކަ ފެސްޓިވަލް ނިންމާލުމުގެ ރަސްމިއްޔާތުގައި ފެސްޓިވަލްގެ ޑިރެކްޓަރު ފާހަގަކުރައްވާފައިވާ ކަމަށް ހަމްޕު ވަނީ ބުނެފަ އެވެ.
މުޅި ދުނިޔޭގެ 21 ޤައުމުކުން އެ ޤައުމުތަކުގެ ސަޤާފީވަންތަކަން ދައްކާލާފައިވާއިރު ދެ ޤައުމަކުން ވަނީ ރާޅުގަނޑު ބޮޑުބެރު ގްރޫޕަށް އެ ޤައުމުގައި ޕާރފޯމް ކުރުމުގެ ފުރުސަތު ދީފަ އެވެ.
ރާޅުގަނޑު ބޮޑުބެރު ގްރޫޕަށް ދެ ޤައުމަކުން ދައުވަތު ދީފައިވާއިރު އޭގެ ތެރެއިން އެއް ޤައުމުގައި ޕާރފޯމް ކުރުމަށް ބޮޑުބެރު ގްރޫޕް މި މަހު ފުރާނެ އެވެ.
ރާޅުގަނޑު ބޮޑުބެރު ގްރޫޕުން ބުނެފައިވަނީ އެމީހުން މި މަހު ޕާރފޯމް ކުރަން ހަމަޖެހިފައިވާ ޤައުމަކީ ހިތްވަރުގަދަ ރާޅުގަނޑު ގްރޫޕްގެ ފަންނާނުންނަށް "ސަޕްރައިޒެއް" ކަމަށެވެ.
މިސްރުގެ ރައްޔިތުންގެ ދުލުން "ރާޅުގަނޑު ބޮޑުބެރު ގްރޫޕް" ގެ ނަން އިވުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެއްކަމަށް އެ ގްރޫޕުން ވަނީ ބުނެފަ އެވެ.
ރާޅުގަނޑު ބޮޑުބެރު ގްރޫޕުން ވަނީ މީގެ ކުރިންވެސް މިއުޒިކް ފެސްޓިވަލްގައި ދިވެހި ރާއްޖެ ތިން ފަހަރެއްގެ މަތިން ތަމްސީލުކޮށް ފައެވެ. އެހެންނެމަވެސް ކުރިން ލިބިފައިނުވާ ކާމިޔާބީތަކެއް މި ފަހަރު ލިބުމުން އެ ގްރޫޕުން ވަނީ އެކަން ފާހަގަކޮށް ފައެވެ.