ދޫނިދޫ ކަސްޓޯޑިއަލްގައި ޢިމާރާތްކުރި ޢާއިލީ ބައްދަލުވުން ބާއްވާ އިމާރާތް ރަސްމީކޮށް އާދިއްތަ ދުވަހު ހުޅުވައިފިއެވެ.
ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި މި އިމާރާތް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު އަޒްލީން ވިދާޅުވީ ހުޅުވުނު ޢިމާރާތަކީ ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ޢާއިލީ ބައްދަލުވުންތައް ފަސޭހަ މާހަޢުލެއްގައި ބޭއްވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ހުޅުވިގެންދިޔަ ޢިމާރާތެއް ކަމަށާއި، މި ޢިމާރާތުގެ ސަބަބުން ބަންދުގައި ތިބޭ މީހުންގެ ޢާއިލާތަކުން ހިތްހަމަ ޖެހުމާއެކު ބައްދަލުކުރެވޭނެގޮތް ހަމަޖެހިގެން ދާނެކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އަޒްލީން ވަނީ ފުލުހުންގެ ހަރުދަނާކަމާއި ޤާބިލުކަން އަދި ބަދަހިކަމުން ގުޅިފައިވާ ސަފުތައް ރޫޅާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެފުރުޞަތު ނުދިނުމަށާއި ކޮންމެ ފުލުހަކީ އެފުލުހެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ކެރޭ ޤާބިލު ފުލުހެއްކަން މިއަދު ސާބިތުވާން އެބައޮތްކަން ފާހަގަކުރައްވައި، ފުލުހުންގެ ޚިދުމަތާމެދު ދެކޮޅުވެރި ފަރާތްތަކުން ކުރާ ކަންކަމުގައި ފުލުހުން ބައިވެރި ނުވުމަށް އެދިވަޑައިގެންފަ އެވެ.
މި ރަސްމިޔާތުގައި ފުލުހުންގެ އެގްޒެކްޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުގެ އިސްވެރިންނާއި، ކަމިޝަނަރ އޮފް ޕްރިޒަން އާއި ޑެޕިއުޓީ ކަމިޝަނަރ އޮފް ޕްރިޒަން އާއި ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.