މިހާރު ހިނގަމުންދާ މާރާމާރީތަކާއި މެދު ގުޅިފައިވާ ސިޔާސީޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހޮނިހިރު ދުވަހު މާފަންނު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޒުވާނުން ގޮފީގެ ރައީސް މީކާއިލް ނަސީމް ވިދާޅުވީ ފަހުން މަރުވި ދިވެހި ޒުވާނުން މަރުވެފައިވަނީ މާރާމާރީ އާއި ޑްރަގްގެ ޝިކާރައަކަށްވެގެން ކަމަށާއި މިކަންތައްތަކުން ވެސް ދޭހަވަނީ ދިވެހި ފުލުހުންނާއި ދިވެހި ސަރުކާރާއި ކަމާއިބެހޭ މުއައްސަސާތައް ނުކުޅުދެފައިވާ މިންވަރު ކަމަށެވެ.
މިކާއިލް ވަނީ ސަރުކާރުން ދިވެހި ޒުވާނުންނަށް ފަހި ވެއްޓެއް ޤާއިމްކޮށްދޭނެ ކަމަށް ބުނެފައިވާއިރު މިކަމާއި މެދު ސުވާލު އުފައްދާފަ އެވެ.
"ހޯމް މިނިސްޓަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި މި ކަންތައްތައް ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ވާހަކަ އަދި ޓެގް އަޅުވަމުންދާ ވާހަކަ ވެސް. އެހެން ނަމަވެސް ޖުލައި މަހުގައި މަރުވި ކުއްޖާ މަރާލި ކަމަށް ޝައްކު ކުރެވިގެން ހައްޔަރު ކުރި މީހާއަކީ ކުރިންވެސް ޓެގް އަޅުވައި ވީ ނުވީއެއް ނޭނގި ދޫކޮށްލެވިފައިވާ މީހެއް " މީކާއިލް ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގުޅިފައިވާ ޕާޓީތަކުގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މެމްބަރު ނިޝާނާ ހަސަން ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ޒުވާނުންގެ ރައީސް މިކަންތައްތައް ކުށްވެރިކޮށްފައިނުވާ ކަމަށާއި އަދި މިކަންތައްތައް ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. .
"މިކަހަލަ ބޮޑެތި މާރާމާރީ އާއި މަރުތައް ކުރިމަތިވަމުންދާއިރު އަޅުގަނޑަށް ފެންނަނީ ދިވެހި ޕޮލިހުންނާއި ސިފައިން ސިޔާސީ މީހުންގެ ފަހަތުން ދުވާ މަންޒަރު" ނިޝާނާ ވިދާޅުވި އެވެ.
ނިޝާނާ ވަނީ ޒުވާނުންނަށް ރަގަޅު ވެއްޓެއް ޤާއިމްކޮށްދީފައިވާ ކަމަށް މިސަރުކާރުން ބުނާއިރު ރައީސް ޔާމީންގެ ވެރިކަމުގައި 29 މަރުގެ ޚާދިސާ ހިނގައިފައިވާ ކަމަށް ވިދާޅުވެފައެވެ.