Advertisement
ކ. މާލެ
|
18 ނޮވެންބަރ 2025 | އަންގާރަ 10:55
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ޓެކްސީ ޚިދުމަތް
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު
ރައީސް މުއިއްޒު ވިދާޅުވީ ޓެކްސީތައް މިހާރު ދަނީ ހަދަމުން ކަމަށާއި އެންމެ ލަސްވެގެން ފެބްރުއަރީ މަހުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށް
ޖުލައި މަހުގައި ފަށަން ބުނި ޓެކްސީ ހިދުމަތް ފަހުން އޮގަސްޓް މަހަށް ބަދަލުކުރި އަދި އެފަހުން ސަރުކާރުން އަޕްޑޭޓެއް ނުދޭ
ފުރަތަމަ ބުރުގައި 100 ކާރު ނެރުމަށް ނިންމި

މާލެ ސަރަހައްދުގައި ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" މިނަމުގައި ސޯޝަލް ސެންޓަރުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޓެކްސީތައް މިހާރު ދަނީ ހަދަމުން ކަމަށާއި، އެންމެ ލަސްވެގެން ފެބްރުއަރީ މަހުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށެވެ.

އަޅުގަނޑުމެން ޓެކްސީ ލައިނެއްގެ ވާހަކަ އެބަދައްކަން. އެބަ އާދޭ. މިހާރު އިނީ ޕްރޮޑަކްޝަންގައި. އިރާދަ ކުރެއްވިއްޔާ ފެބްރުއަރީ މަސް ފެށޭ އިރުގައި ރާއްޖޭގައި، މާލޭގައި އަޅުގަނޑުމެންވީ ވައުދާ އެއްގޮތަށް ޒަމާނި ވަރަށް ފެންވަރަށް ޓެކްސީ ސަރވިސް ފަށާނަން. ޓެކްސީ ޑްރައިވަރުން ބާކީއެއް ނުވާނެ. ޓެކްސީ ޑްރައިވަރުން އެ ޕްރޮގްރާމްގެ ތެރެއަށް ވަންނާނެ. ވަދެގެން އެބޭފުޅުންނަށް ފިކްސްޑް އިންކަމް ލިބިގެންދާނެ. ރައްޔިތުންނަށް ލިބޭނީ ގެރެންޓީ ސަރވިސް. އެއްވެސް ކަހަލަ ތަފާތުކުރުމެއް ނެތި ރަނގަޅު ފެންވަރުގައި، މާލެ ސިޓީގައި ޓެކްސީގެ ހިދުމަތް އެންމެ ލަސްވެގެން ފެބްރުއަރީ މަހު ފެށިގެންދާނެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މިފަދައިން ވިދާޅުވި އިރު މިއީ މި ހިދުމަތް ފަށަން ސަރުކާރުން ދިން 3 ވަނަ ތާރީހެވެ. އެންމެ ފުރަތަމަ މި ހިދުމަތް ފެށުމަށް ސަރުކާރުން ދިން ތާރީހަކީ ޖުލައި މަސް ތެރޭގަ އެވެ. ނަމަވެސް ސަރުކާރުން ބުނި ގޮތަށް ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ވެސް ހިދުމަތް ނުފެށި އޮގަސްޓް މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ހިދުމަތް ފަށާފައި ނުވާ އިރު މިކަމާއި ގުޅޭ ތަފްސީލެއް ވެސް ސަރުކާރުން ނުދެ އެވެ.

މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތް ފެށުމާ ގުޅޭ މާބޮޑު ތަފްސީލެއް މިވަގުތު ނެތް ކަމަށާއި، އަދި ޚިދުމަތް ފެށޭނެ ދުވަހެއްވެސް މިވަގުތު ދަންނަވަން ދަތި ކަމަށެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފަ އެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ޓެކްސީ ލައިނާއި ގުޅޭގޮތުން މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ހަމައެކަނި އެ ޚިދުމަތް ދިނުމަށް ބޭނުންވާ ކާރު ގެނައުމަކުން ޚިދުމަތް ނުފެށޭނެ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ޕްރޮޑަކްޝަންގެ މައްސައްކަތް ޖޫން މަހު ފަށާނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104 ގެ ކާމިޔާބީ ފާހަގަކުރުމުގެ ރަސްމިއްޔާތު" ގައި ރައީސް މުއިއްޒު ވިދާޅުވީ އަދިވެސް ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން ޖޫން މަހުގެ ފެށިގެން ޕްރޮޑަކްޝަންގެ މަސައްކަތް ފަށާ އަދިވެސް މަސައްކަތް ނުނިމެ އެވެ. ސަރުކާރުން ފުރަތަމަ ބުރުގައި ހިދުމަތަށް ނެރެން އެމްޓީސީސީއާއި މިދިޔަ ފެބްރުއަރީގައި ހަވާލުކުރީ 100 ކާރެވެ. މިއީ ސަރުކާރުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ކާރު އުފައްދާ ފަރާތްތަކުން ބުނާ ގޮތުން 100 އިލެކްޓްރިކް ކާރު ބޭނުންވާ ވަކި ގޮތަކަށް އުފައްދާނަމަ އެކަމަށް ހޭދަވާނީ 100 އާއި 200 ދުވަހުގެ މުއްދަތެކެވެ. އެހެންކަމުގައިވާނަމަ މިދިޔަ ޖޫން މަހުގައި ކާރު އުފެއްދުމުގެ މަސައްކަތް ސަރުކާރުން ބުނި ގޮތަށް އެއީ ތެދު ވާހަކައެއް ނަމަ މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ހުންނާނީ ސަރުކާރުން ބޭނުންވާ ގޮތަށް ކާރުތަކަށް ބަދަލު ގެނެސް އުފައްދާފަ އެވެ. ނަމަވެސް ރައީސް ވިދާޅުވީ އަދިވެސް ކާރުތައް ހުރީ ޕްރޮޑަކްޝަން މަރުހަލާގަ އެވެ.

- ކޮމެންޓް