Advertisement
ކ. މާލެ
|
15 ނޮވެންބަރ 2025 | ހޮނިހިރު 12:27
ސްޓެލްކޯގެ ހެޑް އޮފީސް
ސްޓެލްކޯގެ ހެޑް އޮފީސް
ރާއްޖެއެމްވީ
ކަރަންޓު ބިލު
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މަސްދަޅު ކޭސް ލިބޭނެ ރައީސް ވިދާޅުވެފައިވޭ
ކަރަންޓު ބިލު 4000 ރުފިޔާ އަށް ވުރެ މަތިވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ބައެއް ރައްޔިތުން ބުނެފައިވޭ
މިދިޔަ ރަމަޟާން މަހު ވެސް ޑިސްކައުންޓް ދިން ނަމަވެސް އެކަމުގެ ގެއްލުން ވަރަށް ބޮޑު

އަންނަ ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ޚާއްސަ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ ކަމަށެވެ.

ކޮންމެ ރަމަޟާން މަހެއްގައި ހަދިޔާ ދޭކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މަސްދަޅު ކޭސް ލިބޭނެ ކަމަށާއި، އޭގެ އިތުރަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ބިލަކަށް، މި އަންނަ ރަމަޟާން މަހު އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށެވެ. އަދި ވިދާޅުވީ ބިލުގެ ބާކީ ބަޔަކީ ޑިސްކައުންޓު ކަމަށެވެ.

ނަމަވެސް މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. މިދިޔަ ރަމަޟާން މަހު ވެސް ޑިސްކައުންޓް ދިން ނަމަވެސް އެކަމުގެ ގެއްލުން ވަރަށް ބޮޑު ކަމަށް އާއްމު ރައްޔިތުން ބުނެފައިވެ އެވެ. ކަރަންޓު ބިލުން ޑިސްކައުންޓް ދޭ ކަމަށްވާނަމަ އޭގެފަހުން ބިލުތައް ގަބޫލު ނުކުރެވޭ މިންވަރަށް ބޮޑުވާ ކަމަށާއި، މިގޮތަށް ޑިސްކައުންޓް ބޭނުން ނުވާ ކަމަށް ބައެއް މީހުން ބުނެ އެވެ.

400 ރުފިޔާ އަށް ވުރެ ކަރަންޓު ބިލު ބޮޑު ނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބިލު 4000 ރުފިޔާ އަށް ވުރެ މަތިވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް ބައެއް ރައްޔިތުން ބުނެފައިވެ އެވެ.

ކަރަންޓު ބިލާއި ފެން ބިލުން ސަރުކާރުން ވައްކަން ކުރާ ކަމުގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ސްޓެލްކޯއިންނާއި، އެމްޑަބްލިޔުއެސްސީން މިކަން ދޮގު ކުރެ އެވެ. ނުހޯދާ ޚިދުމަތަކަށް ބިލު ނުކުރާ ކަމަށާއި، އެގޮތަށް ތުހުމަތުތައް ކުރަނީ ބިލް ހަދާ މެކޭނިޒަމް ނޭނގޭތީ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. ނަމަވެސް ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވުމާ ގުޅިގެން 2024 ވަނަ އަހަރުގެ ފަހުކޮޅު ސްޓެލްކޯއިން ބަލަންޖެހޭ ކަންކަން ބަލަމުންދާކަން ހާމަ ކުރި އެވެ. އަދި 3 އޯގަސްޓް 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހުސައިން ފަހުމީ ވިދާޅުވީ މާލެސިޓީގެ %21 ގޭބިސީތަކުގެ ކަރަންޓް ބިލު ގަބޫލު ނުކުރެވޭ މިންވަރަށް ބޮޑު ކަން ފާހަގަވެފައިވާ ކަމަށާއި، ހަކަތައިގެ އޮޑިޓެއް ހަދާ ކަމަށެވެ.

ނަމަވެސް އޭގެފަހުން މިއަދާ ހަމައަށް މި އޮޑިޓާ ގުޅޭ އެއްވެސް މައުލޫމާތެއް ސްޓެލްކޯއިން ހިއްސާ ކޮށްފައިނު އެވެ.

- ކޮމެންޓް