ބޯހިޔާވަހިކަމުގެ މައްސަލަ ރައީސް މުއިއްޒު އަށް ހައްލު ނުވާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީ.އެން.ސީ. ގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ވެސް ޤަބޫލުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ކޮބާ މަގޭ ގޯތި، ކޮބާ މަގޭ ފްލެޓް ކަވަރޭޖްގެ ތެރެއިން ވާހަކަދައްކަވަމުންނެވެ.
މައުރޫފް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުކުރެވުނު ކަމަށް ފާހަގަކުރައްވާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ އެ މައްސަލަ ހައްލު ކުރުމަށް ބޭރު ބަޔަކާއި ހަވާލުކުރުމަށް ގޮވާލާފައި ކަމަށެވެ. މީގެ އިތުރުން ނިމިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ދައުލަަތަށް އަނބުރާ ނަގަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މި ވާހަކަތަކުން އެނގޭ ގޮތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުކުރެވޭކަން މި ސަރުކާރަށް ވެސް އެނގޭކަން ހާމަވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
"އެއީ ސަރުކާރުގެ ވިސްނުން ހުރި ގޮތް. ގޯތިތައް ވެސް އަތުލަން. އެއަށް ވުރެ އަދި މާ ނުބައި ވިސްނުން ވެސް އެބަ ހުރި ސަރުކާރުގެ." އޭނާ ވިދާޅުވިއެވެ.
ޝައްކު އުފެދޭ ކިތަންމެ ވާހަކަ އެއް މި ސަރުކާރުން ދައްކަމުންދާ ކަމަށް މައުރޫފް ވިދާޅުވިއެވެ. ދައުރު ދިގު ދަންމާލުމަށް މަގުފަހިވާ ގޮތަށް ޤާނޫނުތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޚުދުމުހުތާރު ވެރިކަމެއް ރާއްޖޭަގައި އަށަގެންނެވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށާއި އެކަމަށް އެމްޑީޕީ އިން ފުރުސަތު ނުދޭނެ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.
މައުރޫފް އިތުރަށް ވިދާޅުވީ އިދިކޮޅުން ހަރަކާތެއް ބާއްވާ އިރަށް ސަރުކާރުން ހުއްޓާލާފައި ހުރި މަޝްރޫޢުތަކަށް ހިނގައިގަންނަ ކަމަށެވެ. ބޯހިޔާވަހިކަމަށް ޚާއްސަ އިވެންޓެއް ބާއްވަން ނިންމި ހިސާބުން އެޗްޑީސީން ހުޅުމާލެ ހިއްކުމާއި މެދު އިއުލާންތަކެއް ކޮށްފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. މީގެ އިތުރުން އެ އިވެންޓް އޮންނަ ކަން ހާމަކުރުމާއި އެކު ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލް ވެސް ސަރުކާރުން އައީ އެ ހިސާބުން ފެށިގެން އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް މުއިއްޒު އަށް މިހާރު ތާއީދު ކުރަނީ ރައީސް މުއިއްޒު އެ ބަޔަކަށް މުސާރަ ދޭ މީހުން ކަަމަށާއި ރައްޔިތުންގެ ތާއީދާއި އިތުބާރު މި ސަރުކާރަށް ގެއްލިފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.