Advertisement
ކ. މާލެ
|
21 ނޮވެންބަރ 2025 | ހުކުރު 14:29
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާގައި
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާގައި
ރާއްޖެއެމްވީ
ބޯހިޔާވަހިކަން
ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން
މި އަހަރު ހުސްވެއްޖެ، ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މި އަހަރު ވާނީ ބޯހިޔާވަހިކަމުގެ ރަންޒަމާނަށް ކަމަށް
މިހާތަނަށް ބޭންދުނު ގާކުޅެއް ވެސް ނެތް، 1.8 ބިލިއަން ރުފިޔާއަށްވީ ގޮތެއް ވެސް ނޭނގޭ

މިއަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ރަން ޒަމާން ކަމަށް ވިދާޅުވެ، ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާ އިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން، އެމްޑީޕީ ސަރުކާރުން ދިން ގޯތި މައްސަލަ އަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިނިސްޓަރު އަލީ ހައިދަރަށް އެކަން ނުވެގެން އެންމެފަހުން ހަވާލުކުރީ މިހާރުގެ މިނިސްޓަރު އަބްދުﷲ މުއްތަލިބު އާއި ކަމަށެވެ. ނަމަވެސް ހައުސިންގ މިނިސްޓްރީ ހިންގަމުން ދިޔަ އިމާރާތް އަންދާލާފައިވާ ކަމަށާއި، އެތަން އަނދައިގެން ދިއުމުން ވެސް ލިޔެކިޔުންތައް ހުންނާނެ ކަމަށް ސަރުކާރުން ބުނަމުން ދިޔަ ކަމަށެވެ. އަދި އައިކްލައުޑުގައި އެ ހުންނާނެ ކަމަށް ބުނި ނަމަވެސް ފަހުން އެވެސް އަނދައިގެން ގޮސްފި ކަމަށް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ މުޅި ލިސްޓު ހުޅުދާންކޮށް މުޅި އިމާރާތް ހުޅުދާންކޮށް އެތަން ގޮއްވާލާ ނިންމާލާފައިވާ ކަމަށެވެ.

އަހަރުގެ ބަޖެޓަކީ، ގެދޮރު، ނޫނީވިއްޔާ ބޯހިޔާވަހިކަމުގެ ބަޖެޓް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅާއި ގުޅިގެން ރައީސް ޔާމީން ވަނީ ފާޑު ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ މި އަހަރު ހުސްވެއްޖެ ކަމަށެވެ. އަދި މިދިޔަ އަހަރު ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު ވާނީ ބޯހިޔާވަހިކަމުގެ ރަންޒަމާނަށް ކަމަށާއި، އެކަމަށް ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ހޭދަކޮށްލި އިރު އަދި ބޭންދުނު ގާކުޅެއް ވެސް ނެތް ކަމަށެވެ.

އަދި ބޭންދުނު ގާކޮޅެއް ނެތް. ބޯހިޔާވަހިކަމަކީ އެންމެ ހައްސާސް މައްސަލަ. ޒުވާނުންނަށް ވެސް އަދި އެހެން މީހުންނަށް ވެސް. އެހާ ވަރަށް މި ވާހަކަ ދައްކާ، މިދިޔަ އަހަރު ދައްކާ ފޮނި ކަނޑާފަ ހަމަ އަޗާތެޅީ ދެއްތޯ. ދެ މިލިއަން ރުފިޔާ ވީނުވީއެއް ނޭނގޭ، ބަޖެޓުގައި ޖެހި މި ފައިސާ އަދި ޕީއޭސްއައިޕީ ތެރޭގައި މި ފައިސާ ހުރި ވެސް މެ، އެކަމަކު ގާތްގަނޑަކަށް ދެހާސް މިލިއަން ރުފިޔާ ހުސްކޮށް ނިންމާލީއޭ، އެންމެ ހައްސާސް ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތަކުގެ ތެރޭގައި ހަމަ އެންމެ ފްލެޓެއް ވެސް އަޅައިނުލެވުނު ދެއްތޯ

ރައީސް ޔާމީން

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ގެދޮރުވެރިކުރުވުމަށް، ބޯހިޔާވަހިކަމުގެ ދާއިރާގައި އެކަނިވެސް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ޢިއުލާންކޮށް، އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ވިދާޅުވެފަ އެވެ.

އެފަހުން 10 ނޮވެމްބަރު 2024 ގައި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ އަމިއްލަ ބާރާއެކު އެކުލަވާލި 2025 ވަނަ އަހަރުގެ ބަޖެޓު ވެސް ހާއްސަ ކޮށްފައިވާނީ ގެދޮރުވެރި ކަމާއި ބޯހިޔާވަހި ކަމަށް އަމާޒު ކުރައްވައިގެން ކަމުގަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް، ބޯހިޔާވަހިކަމަށް އެހާ ބޮޑު އަދަދެއް ހާއްސަ ކުރެވުނު ފުރަތަމަ ފަހަރު ކަމަށާއި، މީގެ ތެރެއިން 1.5 ބިލިޔަން ރުފިޔާ، ގެދޮރު އެޅުމުގެ އަމަލީ މަސައްކަތަށް ހާއްސަ ކުރައްވާފައި ވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު، ގެދޮރުވެރިކަމުގެ ލޯނުތަކަށް ހާއްސަކޮށް، 1000 މިލިޔަން ރުފިޔާ ބަޖެޓު ކުރައްވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަޅުގަނޑުމެން މިހާރު މި ތަންފީޒުކޮށް ނިމެނީ، އަޅުގަނޑުމެންގެ އެއްވެސް ބާރެއް އޮވެގެން ހެދި ބަޖެޓެއް ނޫން. އަޅުގަނޑުމެން އެދުނު ކަމެއްވެސް ހިމަނާފައި އޮތީކީ ނޫން ބުނި ގޮތަކަށް. އަޅުގަނޑުމެންގެ އަމިއްލަ ބާރާ އެކީގައި ހަދާ ފުރަތަމަ ބަޖެޓު ވެސް މިއޮތީ ޚާއްޞަކޮށްފައި ބޯހިޔާވަހިކަމަށް. އެހެންވީމާ، އަޅުގަނޑު ވަޢުދުވީ ގޮތަށް، ފެނިގެން ދާނީ އިރާދަކުރެއްވިއްޔާ، ގެދޮރުވެރިކަމުގެ ރަން ޒަމާނެއް ދިވެހި ރައްޔިތުން ދެކޭތަން.

ރައީސް ޑރ. މުހައްމަދު މުއިއްޒު - 10 ނޮވެމްބަރު 2024

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ސަރުކާރު ނިމި ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބި މި ވެރިކަމަށް 2 އަހަރު ފުރި ތިންވަނަ އަހަރަށް އެޅި އިރުވެސް ސަޅިބައިސާ ކެޑުން ނޫން ދެވަނަ ކަމެއް ރައީސް މުޢިއްޒު ނުކުރެ އެވެ. މި އަހަރަށް ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހައުސިން މަޝްރޫއުތައް ހިންގަން 1.8 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެ އެވެ. ނަމަވެސް އަހަރު ނިމެން އެއް މަސް ވާން ގާތްވެފައިވާއިރު އެންމެ ގާބުރި އެއް ވެސް ބޭއްވޭ ވަރެއް ނުވި އެވެ.

- ކޮމެންޓް