ކ. މާލެ
|
1 ނޮވެންބަރ 2025 | ހޮނިހިރު 19:59
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ސޯޝަލް މީޑިއާ
އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
މި ޒިޔާރަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ފެށި ބޮޑު މަޝްރޫޢުގެ ދަށުން ގެދޮރު ލިބުނު ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމުގެ ގޮތުން މިއަދު ކުރެއްވި ޒިޔާރަތެއް
މިހާރުގެ ސަރުކާރުން ފްލެޓްތަކަށް 25000 ރުފިޔާގެ ޑިޕޮސިޓެއް ނަގާ ގޮތައް ހަމަޖެއްސުމާ ގުޅިގެން ރައީސް ސާލިހް ވިދާޅުވީ 2028 ގައި އެމްޑީޕީ ސަރުކާރެއް އުފެދިއްޖެނަމަ ކުލި ކުރިން ކަނޑައަޅާފައި އޮތް ގޮތައް ބަދަލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި އެވެ.

"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި 4،000 ފްލެޓުގެ ތެރެއިން އަލަށް މީހުން ދިރިއުޅެން ފެށި ފްލެޓުތަކަށް އިބޫ ވަޑައިގެން، އެ އާއިލާތަކާ އެކު ވަނީ ވަގުތުކޮޅެއް ހޭދަކުރައްވައިފަ އެވެ. މި ޒިޔާރަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ފެށި ބޮޑު މަޝްރޫޢުގެ ދަށުން ގެދޮރު ލިބުނު ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމުގެ ގޮތުން މިއަދު ކުރެއްވި ޒިޔާރަތެކެވެ.

އިބޫ ވަނީ އެ އާއިލާއާއެކު ހަވީރު ސަޔަށް އިންސާފުކުރައްވައި، ފްލެޓުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވައިލައްވާފަ އެވެ. އަދި ފްލެޓްތަކުގައި ދިރިއުޅޭ ކުޑަކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވާފައިވެ އެވެ. މި ޒިޔާރަތުގެ ތެރެއިން އެމަނިކުފާނު ވަނީ ފްލެޓުތަކުގެ ދިރިއުޅުމުގެ މާހައުލު ވެސް ބައްލަވައިލައްވާފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިސަރުކާރުން ވަނީ ކުރީގެ އެއްބަސްވުމާ ޚިލާފަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކަށް 25،000ރ. ގެ ޑިޕޮސިޓެއް ވެސް ނަގާ ގޮތައް ހަމަ ޖައްސާފަ އެވެ. މި ސަރުކާރުގެ އެ ނިންމުމާއި ގުޅިގެން ރައީސް ޞާލިޙް ވިދާޅުވީ، ފްލެޓްތައް ހަވާލު ކުރި އިރު ކަނޑައަޅާފައިވާ އަގަކީ އެކަށީގެންވާ އަގުތަކެއް ކަމުގައާއި އެއްބަސްވެ ދެފަރާތުން ސޮއިކޮށްފައިވާ ކަމެއް ބަދަލު ކުރުން އެއީ ރަނގަޅު ކަމެއް ނޫން ކަމުގަ އެވެ.

ރައީސް ސާލިހް ވިދާޅުވީ، 4000 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށުމަކަށް ކުޑަ ތަންކޮޅެއް ލަސްވެގެން ދިޔައީ ވެސް އެކަށީގެންވާ ކުޑަ އަގެއްގައި ފްލެޓް ރައްޔިތުންނަށް ހަވާލު ކުރެވޭނެ ގޮތަކަށް މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ކުރަން ޖެހުނު މަސައްކަތުގެ ސަބަބުން ކަމަށެވެ.

އޭގެއިތުރުން ރައީސް ޞާލިޙް ވިދާޅުވީ، އިރާދަ ކުރެއްވިއްޔާ 2028 ވަނަ އަހަރު އަންނާނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި، ރައްޔިތުން އެގޮތައް ވޯޓު ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެ އުފެދޭ އެމްޑީޕީ ގެ ސަރުކާރެއްގައި، ކުރިން އެމްޑީޕީ ސަރުކާރުން ކަނޑައަޅާފައި އޮތް ގޮތައް ކުލިތައް ބަދަލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށެވެ.

- ކޮމެންޓް