ހެޔޮ ގިނަ ބަދަލުތަކާއި އެކު ސަރުކާރުން ޕޭ ފްރޭމްވާރކަށް އިސްލާހު ގެނައި ކަމަށް ސަރުކާރުން ބުނި ނަމަވެސް ޕޭ ފްރޭމްވާރކް އަށް އިސްލާހު ގެނެސްފައި ވަނީ މުވައްޒަފުންނަށް ލިބޭ އިތުރުގަޑީގެ ފައިސާ ކުޑަވާ ގޮތަށް ކަން ހާމަވެއްޖެ އެވެ.
އިތުރު ގަޑީގެ ފައިސާ ދެމުން އަންނަ ގޮތަށް ބަދަލު ގެނައުމަށް ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް ބަދަލު ގެނެސްފައި ވަނީ 1 ނޮވެމްބަރުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާ މުސާރަތައް އިއުލާންކުރުމުގެ 4 ދުވަސް ކުރިންނެވެ. އެއާއި އެކު ރަސްމީ ބަންދު ނޫން ދުވަސްތަކުގެ މަސައްކަތު ވަގުތުގައި މުވައްޒަފުންގެ އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ވަގުތު އުނިކުރުމަށްފަހު އަށް ގަޑިއިރު ހަމަވުމުން ނޫނީ އިތުރުގަޑީގެ އިނާޔަތް ނުލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވާރކްގެ މިންގަނޑުތައް ވަނީ ބަދަލުކޮށްފަ އެވެ.
އުސޫލަށް ގެނައި ބަދަލުގައި ބުނެފައި ވަނީ މި ބަދަލު ގެނެސްފައި މިވަނީ، އިތުރު ގަޑީގައި ދޭ ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވަން ކަމަށެވެ. އަދި ސަރުކާރުން ގެނައި ބަދަލުތައް ބުނާގޮތުން އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާހައުލުން ބޭރުގައި އެއްވެސް ވަގުތެއް ހޭދަކޮށްފައިވާނަމަ، އެ ހޭދަކުރި ވަގުތު އެ ދުވަހުގެ މަސައްކަތުގެ 8 ގަޑިއިރު ގުނުމުގައި ހިމަނައިގެން ނުވާނެ ކަމުގަ އެވެ.
އާ އުސޫލު ބުނާ ގޮތުން ހަމައެކަނި އަމިއްލަ ވަގުތު ނޫން ކަމަށް ބެލޭނީ ވަޒީފާ އާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ވަގުތުތަކެވެ. އެއީ ކެއުމުގެ ގަޑިއާއި ނަމާދުކުރުމުގެ ވަގުތާއި ކުއްޖާ ބެލުމަށްދޭ ވަގުތުތައް އެކަންޏެވެ. އެ ވަގުތުތަކަކީ އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާހައުލުން ބޭރުގައި އުޅުނު ވަގުތުކަމުގައި ނުބެލެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރައީސް މުހައްމަދު މުއިއްޒު ވަނީ، މިހާތަނަށް މުސާރަ ބޮޑުނުވާ ސިވިލް ސަރވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީ އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 1 ނޮވެމްބަރުގައި ހާމަނައިޒްކޮށް، މުސާރަ ބޮޑުވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އަލަށް ގެނައި ބަދަލާއި އެކު ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަ ބޮޑު ކުރި ނަމަވެސް, އެ ކަމުގެ ފައިދާ ބައެއް މުވައްޒަފުންނަކަށް ނުލިބެ އެވެ. އޯޓީ އަށް ގެނައި ބަދަލާއި އެކު ކުރިއަށް ވުރެ މުވައްޒަފުން ގެއަށް ގެންދިއުމަށް ލިބޭ މުސާރަ ކުޑަ ވާނެ ކަމަށް މުވައްޒަފުން ފާހަގަކުރެ އެވެ. އިތުރު ވަގުތު މަސައްކަތް ކުރުވުމަށް ފަހު މުދައްރިސުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެސް އިތުރު ގަޑީގެ ފައިސާ ނުދޭތީ މުވައްޒަފުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
މީގެ އިތުރުން މިހާރު މިގެނައި ބަދަލަކީ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް ބޮޑު ކުރާ މުސާރައިގެ ފައިދާ މުވައްޒަފުންނަށް ވުމުގެ ބަަދަލުގައި ބައެއް މުވައްޒަފުންނަށް ލިބޭ އާމްދަނީ ދަށަށް ދާނެ ކަމެއް ކަމަށް މުވައްޒަފުން ދަނީ ބުނަމުންނެވެ. މި ބަދަލާއި މެދު ނުރުހުން ފާޅުކޮށް މުވައްޒަފުން ދަނީ މީސްމީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.