ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވި އިރު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، ގިނަ ބިންތަކެއް އެކި ފަރާތްތަކަށް ދިންކަން ހާމަވެއްޖެ އެވެ.
މާލެ އާއި ވިލިމާލޭގެ ބިންތަކުގެ ތެރެއިން ބޮޑު ބައެއް ކުއްޔަށް ދިނީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކަން ހާމަވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބިންތައް ދޫކޮށްފައިވާ ގޮތުގެ ތަފުސީލު މާލެ ސިޓީ ކައުންސިލުން ހާމަކުރުމާއި ގުޅިގެންނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ ސެޕްޓެމްބަރު 9، 2023 ގައި އެވެ. އަދި ދެ ވަނަ ބުރު ބާއްވާފައި ވަނީ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު އެވެ.
ސީޓީ ކައުންސިލުން އާއްމު ކުރި މައުލޫމާތުތަކުން ހާމަވާ ގޮތުގައި، 40 ޕަސެންޓު ބިން ކުއްޔަށް ދީފައި ވަނީ މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ. އެ ލިސްޓުން އެނގޭ ގޮތުގައި މުއިއްޒު މޭޔަރަކަށް ހުންނެވި އިރު މާލެ ސިޓީ ކައުންސިލުގެ 157 ބިމުގެ ތެރެއިން 63 ބިން ކުއްޔަށް ވަނީ ދީފަ އެވެ. އެ މައުލޫމާތުތަކުން ހާމަވާ ގޮތުގައި މީގެ ކުރިން ސީއެސްއާރުގެ ގޮތުގައި ގަނޑުކޮށް ފައިސާ ދައްކަންޖެހޭ ގޮތަށް ސިޓީ ކައުންސިލުން ބިމެއް ދޫކޮށްފައިވާ ކަން އެނގޭ ކަށް ނެތެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުމަށް ދެ ދުވަހަށް ވެފައި ވަނިކޮށް ސީއެސްއާރުގެ ގޮތުގައި ގަނޑުކޮށް ފައިސާތަކެއް ނަގައިގެން ބައެއް ބިންތައް ދޫކޮށްފައި ވެއެވެ. މި ފައިސާ ނެގި ސަބަބު ހާމަ ނުވާއިރު އެ ފައިސާ ބޭނުން ކުރި ގޮތް ވެސް ސާފުކޮށް އެނގޭކަށް ނެތެވެ.
އެގޮތަށް ދޫކޮށްލި ބިންތަކަށް ބަލާއިރު ސީއެސްއާރުގެ ގޮތުގައި 300،000ރ އިން މަތީގެ އަދަދެއް ކާނިވާ ސަރަހައްދުން ބިން ދޫކުރުމަށް ނަގާފައިވެއެވެ. ނެގުމަށް ފަހު އެވެ. އެއީ ކޮން ކަމަކަށް ނެގި ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ. އަދި ބޭނުންކުރި ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ.
އާއްމު ވިޔަފާރީގެ އުސޫލުން މާލެއިން ބިން ދޫކުރާ އަގާއި ބަލާ ނަމަ ކާނިވާ ސަރަހައްދުން ބިން ދިނީ އެތައް ގުނަ އަގު ހެޔޮކޮށެވެ. އެ ސަރަހައްދުން ބިންތައް ދޫކޮށްލީ 20 އަހަރަށެވެ. މީގެ އިތުރުން އެހެނިހެން ކުންފުނިތަކަށް ވެސް މި މޭރުމުން ބިން ދޫކޮށްފައި އެބަ ހުއްޓެވެ.
އެ ލިސްޓުން ފާހަގަވާ އެހެން ބައެއް ކަންކަމަށް ބަލާ އިރު ހިއްތަން މައިޒާން ގޯލްޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް މަހަކު އެންމެ 2000ރ. އަށް ވަނީ ދީފަ އެވެ. އެ ކުންފުންޏާ ހަވާލު ކުރީ އަމިއްލަ ތަކެތީގައި އެ ސަރަހައްދު މަރާމާތު ކުރުމަށް ފަހު ބެލެހެއްޓުމަށެވެ. އެތަން ދިނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ.
ދޫކޮށްފައިވާ ބިންތަކުގެ ތެރޭގައި މާލޭގެ މުހިންމު ސަރަހައްދުތަކުގައި ހުރި ބިންތައް ހިމެނޭކަން ފާހަގަކޮށްލެވެ އެވެ. އޭގެ ތެރޭގައި ކާނިވާ ސަރަހައްދާއި އާޓިފިޝަލް ބީޗްގެ އިތުރުން ރަސްފަންނު ސަރަހައްދުގައި ޓަކްޝޮޕާއި ރެސްޓޯރެންޓުތައް ޤާއިމްކޮށް ހިންގުމަށް ބިން ދީފައިވެ އެވެ.