މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި އެހެނިހެން ބިންތަކުގެ ތަފްސީލު ހާމަކޮށްފި އެވެ. މި ތަފްސީލުތައް ސިޓީ ކައުންސިލުން ހާމަ ކޮށްފައިމިވަނީ ބިމާ ގުޅޭ މައްސަލަތަކެއް ތާވަލު ކުރުމުން މާލެ ސިޓީ ކައުންސިލްގެ ޕީއެންސީ ކައުންސިލަރުން، ކައުންސިލްގެ ޖަލްސާތައް ތަކުރާރުކޮށް ބޮއިކޮޓް ކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. ސިޓީ ކައުންސިލް ގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ ޕީއެންސީ ގެ މެމްބަރުން ޖަލްސަތައް ބޮއިކޮޓް ކުރުމުން ކައުންސިލްގެ އެތައް ޖަލްސާއެއް ބޭއްވޭ ގޮތް ނުވެ ކެންސަލް ކުރަން ޖެހުނުކަން ފާހަަގަ ކުރެވެ އެވެ.
މި ގޮންޖެހުންތައް ކުރިމަތިވަމުން ދިޔަ ނަމަވެސް، ބުރާސްފަތި ދުވަހު ސިޓީ ކައުންސިލް ގެ ފަރާތުން ވަނީ މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި އެހެނިހެން ބިންތައް ހިމެނޭހެން އެކުލަވާލައިފައިވާ ލިސްޓްތައް ގެޒެޓް ކޮށްފަ އެވެ.
އާއްމު ކޮށްފައިވާ ލިސްޓު ތަކުގައި ވާގޮތުން މާލެ/ވިލިމާލެ އިން ކުއްޔަށް ދީފަވާ ފްލެޓް ތަކުގެ އަދަދަކީ 162 އެވެ. އެއީ މާލެ ހިޔާ 1، މާލެ ހިޔާ 2، ސިނަމާލެ 1، ސިނަމާލެ 2، ސިނަމާލެ 3 އަދި ސިނަމާލެ 4 ގެ ފްލެޓްތަކެވެ.
މާލެ/ވިލިމާލެ އިން 479 ފައްތިޔާ ކުއްޔަށް ދީފަވާކަން ވެސް މި ލިސްޓް ތަކުން އެނގެ އެވެ. މާލެ/ވިލިމާލެ ލޯކަލް މާރުކޭޓުން 379 ގޮޅި ކުއްޔަށް ދޫކޮށްފައިވާއިރު، މާލެ/ވިލިމާލެ އިން ކުއްޔަށް ދީފަވާ ބިން އަދި އެހެނިހެން ތަންތަނުގެ އަދަދު 157 އަށް އަރަ އެވެ.
ބިންތަކުގެ މައުލޫމާތު ހާމަނުކޮށްގެން މީގެ ކުރިން ސިޓީ ކައުންސިލަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ބިންތަކުގެ ތަފްސީލު ހާމަކުރުމަށް ޕީއެންސީ އަށް ނިސްބަތްވާ ކައުންސިލް މެމްބަރުންގެ އެއްބާރުލުން މީގެ ކުރިންވެސް ނުލިބޭކަމަށް ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ފާހަގަ ކުރައްވާފަ އެވެ.
ސިޓީ ކައުންސިލްގެ ބިންތަކުގެ ތަފްސީލު ހާމަކުރުމާ ގުޅޭ ގޮތުން ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މާލޭގެ ބިންތައް ކުއްޔަށް ދެވިފައިވާ ގޮތުގެ ތަފްސީލުތައް، ޓްރާންސްޕޭރެންޓް ކޮށް މާލޭ ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް އަބަދުވެސް ގަބޫލު ކުރައްވާކަމުގަ އެވެ.
ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވި އިރު އުސޫލުން ބޭރުން އެތައް ފަރާތަކަށް ބިންތައް ދީފައިވާ ކަމުގެ ތުހުމަތު ތަކެއް ވަނީ ކުރެވިފަ އެވެ. އަދި މިކަމާ ގުޅޭ ކިތަންމެ މައްސަލަ އެއް އޭސީސީ އަށް ވެސް ވަނީ ހުށަހެޅިފަ އެވެ.