އަތޮޅު ކައުންސިލްތައް އުވާލައި ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލަރުން އިންތިޚާބު ކުރަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސް ކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގާނޫނު އަސާސީ އަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލު ފާސް ކޮށްފައިވަނީ 75 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަތޮޅު ކައުންސިލް އުވާލަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ.
ނޮވެމްބަރު 16 ވަނަ ދުވަހު ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. މި ބިލު ދިރާސާ ކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީ އިންނެވެ.
ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ވަނީ ސިޓީ ކައުންސިލްގެ ޝަރުތު ހަމަވާ އިދާރީ ދާއިރާ ފިޔަވައި އެހެން ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ކޮންމެ އިދާރީ ދާއިރާ އަކަށް އަތޮޅު ކައުންސިލެއް އުފައްދަން ވާނެ ކަމަށެވެ.
މެންބަރު ޝުޖާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ) އުނިކުރުމަށެވެ. އިސްލާހުގައި ބުނީ މިހާރު އިންތިޚާބު ކޮށްފައިވާ އަތޮޅު ކައުންސިލްތަކުގެ ދައުރު ހަމަވަންދެން އަތޮޅު ކައުންސިލްތައް ދެމި ތިބޭނެ ކަމަށެވެ. ނަމަވެސް އަންނަ ކައުންސިލް އިންތިޚާބުން ފެށިގެން އަތޮޅު ކައުންސިލަރުން އިންތިޚާބު ނުކުރާނެ އެވެ. އެހެން ކަމުން މި ބިލު ތަސްދީގު ކުރުމުން، މިހާރު ތިބި އަތޮޅު ކައުންސިލް ތަކަށް ފަހު ދެން އަތޮޅު ކައުންސިލެއް ނޯންނާނެ އެވެ. އެހާ ހިސާބުން އަތޮޅު ކައުންސިލް އުވުނީ އެވެ.
އަތޮޅު ކައުންސިލްތައް އުވާލާ ރަށު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މި އަހަރުގެ އޮގަސްޓު މަހުގަ އެވެ.
ރައީސް ވިދާޅުވީ އަތޮޅު ކައުންސިލަކީ ރައްޔިތުންނަށް ފައިދާހުރި، މާނަހުރި، އެއްޗަކަށް ނުވާ ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި އެކަން ފެނިފައި ވާނީ ރައްޔިތުންނަށް ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ބޭނުންފުޅުވަނީ، ސީދާ ކައުންސިލްގެ ފަރާތުން ސަރުކާރާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށް ވިދާޅުވި އެވެ.