އަތޮޅުތަކުގެ ސިއްހީ ދާއިރާތައް ތަރައްގީ ކުރާނެ ބަޖެޓެއް އޮތް ތަނެއް ނުފެނޭ. ރާއްޖެއިން ބޭރުން އާސަންދަ އަށް ކުރެވޭ ޚަރަދު އަދިވެސް މި އިންނަނީ ހަމަ އެންމެ މަތީގަ. އެކަން ކުޑަ ކުރެވޭނެ ގޮތެއް ހޯދިގެން ނޫނީ ރާއްޖޭގަ ފައިސާ ބެހެއްޓޭނެ ގޮތެއް ނެތް. މިއަދު އަޅުގަނޑު މެންނަށް މި ފެންނަނީ ވަޒީފާތަކުން ފުރިފަ އޮތް ސަރުކާރެއް. އުފެއްދުންތެރިކަން އަޅުގަނޑުމެންގެ ވަރަށް ބޮޑުތަނުން ކުޑަ ވެއްޖެ،
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)![]()
ވެރިކަންކުރާ ޕީއެންސީ ސަރުކާރަށް ދެ އަހަރު ވީއިރު މި ސަރުކާރު ފާހަގަވެފައި ވަނީ އަޑު ގަދަ، އިވެންޓުތައް ބޮޑު، ކުލަ ގަދަ ނަމަވެސް ކުރާ އެއްވެސް ކަމަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭ ސަރުކާރެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ކުޑޫ ވިދާޅުވީ އަންނަ އަހަރަށް ލަފާ ކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓާ މެދު ކުރެވޭ އުއްމީދު ކުޑަ ކަމަށެވެ.
މެންބަރު ވިދާޅުވީ މި ސަރުކާރަށް ދެ އަހަރު ވީއިރު އެދެވޭ ނަތީޖާއެއް ފެންނަ އެންމެ ކަމެއް ވެސް ކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން ރިކަރަންޓް ޚަރަދު އިންތިހާ އަށް ބޮޑުއިރު ރާއްޖެއަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތަކެއް ވެސް ބަޖެޓުގައި ހިމަނާފައި ނުވާކަން މެންބަރު ފާހަގަކުރެއްވި އެވެ.
މުސާރަތައް ބޮޑު ކޮށްފައިވާ ކަމަށް ބުނި ނަމަވެސް ސަރުކާރު މުވައްޒަފުން މުސާރަތަކުގެ މައްސަލައިގައި އިހުތިޖާޖު ކުރަމުންދާ ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. އަދި ޚަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަން ގޮވާލާ ބޭރުގެ އެކި ފަރާތްތަކުން ދީފައިވާ އިންޒާރުތަކަށް ވެސް ސަރުކާރުން އެދެވޭ އިޖާބައެއް ނުދޭ ކަމަށް ކުޑޫ ވިދާޅުވި އެވެ.
ކުޑޫ ވިދާޅުވީ އޭގެ އިތުރުން، ރައްޔިތުންގެ ކަންކަމުގައި ސަރުކާރުގެ ވަޒީރުން ވެސް ޖަވާބު ނުދެއްވާ ކަމަށެވެ. އަދި މެންބަރުން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ ކަމަށާ އެއީ އެ މެންބަރުން ދެކެ ބިރު ގަންނާތީ ކަމަށް ވެދާނެ ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ.
މެންބަރުން ދެކެ ބިރުގަތަސް، ކުރާ ސުވާލުތަކަށް ޖަވާބުދެއްވަން ވާނެ ކަން ފާހަގަކުރައްވާ ކުޑޫ ވިދާޅުވީ ސަބަބީ ކޮންމެ ކަމެއް ވެސް އޮޅުން ފިލުވަން މަސައްކަތް ކުރަނީ އެއީ ރައްޔިތުންނާ ގުޅުންހުރި ކަންކަން ކަމަށް ވާތީ ކަމަށެވެ. އޭގެ އިތުރުން ވަޒީރުންނަށް ފޮނުވާ ސިޓީތަކަށް ޖަވާބު ވެސް ނުދެއްވާ ކަމަށް ކުޑޫ ވިދާޅުވި އެވެ.
މި ސަރުކާރު އައި ފަހުން ރާއްޖޭގެ ޚާރީޖީ ގުޅުން ވެސް ކުޑަވެފައިވާ ކަން މެންބަރު ފާހަގަކުރެއްވި އެވެ. އެގޮތުން މިހާރު ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކުގައި ވެސް ފެންނަނީ ބީރައްޓެހިކަން ކަމަށް ކުޑޫ ވިދާޅުވި އެވެ. މިއަދު އެކުވެރި ދިވެހިރާއްޖެ މިވަނީ އެހެން ގައުމުތަކުގެ މެދުގައި ބީރަށްޓެހި ތަނަކަށް ވެފައި ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
އެހެން ކަމުން ޖުމްލަ ގޮތެއްގައި މި ސަރުކާރަކީ ކިތަންމެ އަޑު ގަދަ، ބޮޑެތި އިވެންޓު ބާއްވާ، ކުލަ ގަދަ ހަފްލާތައް ބޭއްވި ނަމަވެސް ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް އެދެވޭ މަސައްކަތެއް ނުކުރާ ބައެއްގެ ގޮތުގައި ސިފަވާ ކަމަށް މެންބަރު ވިދާޅުވި އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓާ މެދު ކުރެވޭ އުންމީދު ކުޑަ ކަމަށް ކުޑޫ ވަނީ ތަކުރާރު ކޮށް ވިދާޅުވެފަ އެވެ.