ފުލުހުންގެ ފޮޓޯ އެއް ނެގުމާއި ގުޅިގެން ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސައިން ހަސަންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމި ކަން އަންގާފައި ނުވާ ކަމަށް ހުސައިން ވިދާޅުވެޖެއެވެ.
ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެ މިދިޔަ ސެޕްޓެމްބަރު މަހު ހުސައިން ހައްޔަރުކޮށްފައިވެއެވެ. ހުސައިން ހައްޔަރުކުރިި މައްސަލަ އެމްޑީޕީން ވަނީ ކުށްވެރިކޮށްފައެވެ. ފުލުހުން ބުނީ ހުސައިން ހައްޔަރު ކުރީ ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުގެ ފޮޓޯ ނަގާ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު އިތުރު ނުކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
އެ މައްސަލާގައި ހުސައިންގެ މައްޗަށް ދައުވާކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. އެކަމާއި ގުޅިގެން ޖިނާއީ ދައުވާއެއް ކުރަން ފޮނުވާފައިވާ ކަން ފުލުހުން ވަނީ ހުސެއިން އަށް އަންގާފައެވެ. އެކަމާއި ގުޅިގެން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަިއ ވަނިކޮށް، ބައެއް މީޑިއާތަކުން ވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީން ނިންމި ކަމަށް ރިޕޯޓްކޮށްފައެވެ. އެގޮތަށް ރިޕޯޓްކޮށްފައި ވަނީ ޕީޖީ އޮފީހުގެ އޮފިޝަލަކާއި ހަވާލާދިނުމަށް ފަހުގައެވެ.
އެހެންނަމަވެސް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ހުސައިން ވަނީ އޭނާ އަށް އެކަން އަންގާފައި ނުވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވީ ފުލުހުންގެ ފޮޓޯ ނެގުމަކީ ކުށެއް ކަމަށް ރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށްފައި ނުވާނެ ކަމަށެވެ. އަދި ކުށް ކަމަށް ކަނޑައަޅައިފައި ނުވާ ކަންކަމުގައި ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށާއި އެ ފަދަ ދައުވާ އެއް ކުރިޔަސް ވާނީ ބާތިލު ދައުވާއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.