Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 08:56
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ހަނގުރާމަ ހުއްޓުނު ނަމަވެސް، ޣައްޒާގެ ސަލާމަތީ ބާރު އޮންނާނީ އިސްރާއީލްގެ ބެލުމުގެ ދަށުގައި ކަމަށް ބުނެފި
ނަތަންޔާހޫ ވިދާޅުވެފައި ވަނީ އިސްރާއީލްގެ ދުޝްމަނުންނާއި، އަދުއްވުންނާ ދެކޮޅަށް ޙަރަކާތްތެރި ވާނެ ގޮތްތަކާއި، އެކަމުގެ ވަގުތު ކަނޑައަޅާނީ އިސްރާއީލް އިން ކަމަށެވެ. އެގޮތުން އިސްރާއީލް އަކީ މިނިވަން ޤައުމެއް ކަމަށާއި، އިސްރާއީލްގެ އަމިއްލަވަންތަ ކަމާއި އެ ޤައުމުގެ ވަސީލަތްތައް ދިފާއު ކުރައްވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓުމަކަށް އައި ނަމަވެސް، ޣައްޒާގެ ސަލާމަތީ ކަންކަން ކޮންޓްރޯލް ކުރުމުގެ ބާރު އޮންނާނީ އިސްރާއީލްގެ ބެލުމުގެ ދަށުގައި ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވަނީ ޤާއިމު ކޮށްފަ އެވެ. އެ އެއްބަސްވުމުގައި ބުނެފައި ވަނީ ޣައްޒާގައި ބައިނަލްއަޤުވާމީ ސަލާމަތީ ބާރު ތަކެއް ޤާއިމު ކުރުމަށް ޖެހޭނެ ކަމަށެވެ. އެކަމާ ގުޅުން ހުރި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޓްރަމްޕް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ އިސްރާއީލްގެ ދުޝްމަނުންނާއި، އަދުއްވުންނާ ދެކޮޅަށް ޙަރަކާތްތެރި ވާނެ ގޮތްތަކާއި، އެކަމުގެ ވަގުތު ކަނޑައަޅާނީ އިސްރާއީލް އިން ކަމަށެވެ. އެގޮތުން އިސްރާއީލް އަކީ މިނިވަން ޤައުމެއް ކަމަށާއި، އިސްރާއީލްގެ އަމިއްލަވަންތަ ކަމާއި އެ ޤައުމުގެ ވަސީލަތްތައް ދިފާއު ކުރައްވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އަދި އިސްރާއީލްގެ މުސްތަޤުބަލު ކަނޑައަޅާނީ ވެސް އެ މީހުން އަމިއްލަ އަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް، މަރުވެފައިވާ އިސްރާއީލްގެ ރަހީނުންގެ ހަށިތައް ހޯދައި، އިސްރާއީލްއާ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ. އިސްރާއީލް އިން ބުނެފައި ވަނީ، ހުރިހާ ރަހީނުން ހަވާލު ކުރި ކަމަށް ބަލެވޭނީ، މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ހަވާލު ކުރުމުން ކަމަށެވެ.

އެކަން ނުކޮށްފި ނަމަ، އަނެއްކާ ވެސް ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު އިސްރާއީލް އިން ތަކުރާރުކޮށް ދެމުން އަންނައިރު، ހަމާސް އިން ބުނެފައި ވަނީ ޣައްޒާގައި ވީރާނާވެފައިވާ ސަރަހައްދު ތަކުން އިސްރާއީލްގެ ރަހީނުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރުމަށް މިޞްރުގެ ސަލާމަތީ އެހީތެރިންނާއި، މެޝިނަރީ އެކުލެވޭ ޓީމެއް ޣައްޒާ އަށް އައިސްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިސްރާއީލް ސަރުކާރުގެ ތަރުޖަމާނު ޝޯޝް ބެޑްރޯސިއަން ވިދާޅުވީ، މިޞްރުގެ ޓީމު ޣައްޒާ އަށް ވަނުމުގެ ހުއްދަ ނަތަންޔާހޫ އަމިއްލަފުޅަށް ދެއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެއީ ޓެކްނިކަލް ޓީމެއް ކަމަށާއި، އެ ޓީމުގެ އެއްވެސް އަސްކަރީ މުވައްޒަފަކު ނުހިމެނޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، އިސްލާމީ އަދި ޢަރަބި ޤައުމު ތަކުގެ ސަލާމަތީ ބާރު ތަކެއް ޣައްޒާގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާއިރު، އެމެރިކާ އިން ބުނެފައި ވަނީ އެކަމަށް ޤައުމު ތަކުން ޝައުޤުވެރިކަން ފާޅު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ތުރުކީ ފަދަ ސަރަހައްދުގެ ވާދަވެރި ޤައުމު ތަކުން އެކަމުގައި ބައިވެރިވުމަށް އިސްރާއީލް އިން އަންނަނީ ދެކޮޅު ހަދަމުންނެވެ.

އިސްރާއީލް އިން މިހާާރު ވަނީ އެ ޤައުމުގެ އަސްކަރީ ބާރުތައް ޣައްޒާގެ "ޔެލޯ ލައިން" އަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް، ސަރަހައްދުގެ ދެބައި ކުޅަ އެއް ބަޔަށްވުރެ ބޮޑު ސަރަހައްދެއް އަދި ވެސް އޮތީ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އަދި އދގެ އެހީގެ ޓީމު ތަކަށް ވެސް ޣައްޒާގެ ސަރަހައްދު ތަކަަށް ވަދެވެނީ އިސްރާއީލްގެ ހުއްދައާ އެކު އެވެ.

އިސްރާއީލް އާއި ހަމާސްއާ ދެމެދު އެކުލަވާލެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް ހަމާސް އިން ވަނީ ރަހީނުންގެ ތެރެއިން ދިރި ތިބި 20 މީހުން މިނިވަން ކޮށްފަ އެވެ. އަދި މަރުވެފައިވާ 15 މީހެއްގެ ހަށިގަނޑު މިހާތަނަށް ހަވާލު ކޮށްފައިވާއިރު، އިތުރު 13 މީހެއްގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް