މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކުލަބު އަދި ވިކްޓަރީ ސްޕޯޓްސް ކުލަބު ކުޅުނު މެޗު ތަކުން ދެ ޓީމު ވެސް މޮޅުވެއްޖެ އެވެ.
އާދީއްތަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި އޮޑި ސްޕޯޓްސް ކުލަބުން ނިކުތީ، ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު އޮޑި އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ބުރުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އޮޑި އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ބުރުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ނާއިމް އެވެ. ނަމަވެސް ދެ ވަނަ ހާފުގައި އޮޑި އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އޮޑި އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޢަބްދުﷲ ލޫތު އިބްރާހީމް އެވެ. އޭގެ ފަހުން ދެ ވަނަ ލަނޑެއް ޖަަހަން އޮޑި އިން ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ މެޗުގެ ފަހު ވަގުތުގަ އެވެ. މެޗުގެ 90 ވަނަ މިނެޓުގައި އޮޑީގެ ދެ ވަނަ ލަނޑު ޖަހައި މެޗުން އެ ޓީމު މޮޅު ކޮށްދިނީ މުޒްދާން ޙަސަން އެވެ.
އާދީއްތަ ދުވަހުގެ ރޭ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން ވިކްޓަރީ މޮޅުވެފައި ވަނީ 1-0 އިންނެވެ. މެޗުގައި ވިކްޓަރީ އިން ލަނޑު ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ވިކްޓަރީ އަށް ލަނޑު ޖަހައިދިނީ އަލީ ނަސޫހު ރަޝީދު އެވެ.
ބުރު އަތުން ހޯދި މޮޅާއެކު އޮޑި އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ނަމަވެސް، ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، އެ ޓީމަށް ދެ ވަނަ އަށް ޖެހިލެވޭނެ އެވެ.
ޓީސީ އަތުން މޮޅުވި ވިކްޓަރީ އަށް ފަސް މެޗުން ލިބެނީ ހަ ޕޮއިންޓެވެ. ޓީސީ އަށް ފަސް މެޗުން ތިން ޕޮއިންޓު ލިބޭއިރު، އެ ޓީމު އޮތީ ލީގު ތާވަލްގެ ނުވަ ވަނައިގަ އެވެ.