ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފަހުވަގުތު މާޒިޔާގެ ހަމްޒާ މުހައްމަދު(ހަމްޕު) ޖެހި ގޯލާއެކު އޮޑި ސްޕޯޓްސް ކުލަބް ބަލިކޮށް، މިފަހަރުގެ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވުގެ ރެކޯޑް މާޒިޔާ އިން ދަމަހައްޓައިފިއެވެ. މާޒިޔާ މެޗު ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.
ހުކުރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުން ފެށިގެން ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެން ދިޔަ ނަމަވެސް، ފުރަތަމަ 45 މިނިޓް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އިން ވަނީ ކުޅުން ރަނގަޅުކޮށް، އޮޑީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ 90 މިނިޓު ފުރިހަމަވި އިރުވެސް ދެ ޓީމު އޮތީ އެއްވަރުވެފައެވެ.
ރެފްރީ އިތުރު ވަގުތުގެ ގޮތުގައި ދިން ފަސް މިނިޓްގެ ތެރެއިން، ހަތަރު ވަނަ މިނިޓްގައި މާޒިޔާގެ ހަމްޕު ވަނީ އޮޑީގެ ދެ ކުޅުންތެރިން ކައިރިން ނައްޓައި ނުރައްކާތެރި ހަމަލާއެއް ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އޮޑީގެ ކީޕަރު ޝަފީއު ވަނީ އެ ބޯޅަ މަތަކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން، ހަމްޕު އަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ކީޕަރު ޝަފީއު ކައިރިން ނައްޓާފަ ގޯލަށް ބޯޅަ ފޮނުވާލާފަ އެވެ.
މި މޮޅާ އެކު މާޒިޔާ އިން ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ މޮޅުވުމުގެ ރެކޯޑް ވަނީ އިތުރަށް ދަމަހައްޓާފަ އެވެ. ދިރާގު ދިވެހި ލީގު ތާވަލުގެ އެއް ވަނައިގައި މާޒިޔާ އޮތީ، ކުޅުނު ހަތް މެޗުން ވެސް މޮޅުވެ ހޯދި 21 ޕޮއިންޓާއެކު އެވެ.
ލީގު ތާވަލުގެ ދެ ވަނައިގައި އޮތް އޮޑި އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް އަށް ހަ މެޗުން ވަނީ 16 ޕޮއިންޓް ލިބިފައެވެ. އޮޑި ދެ ވަނައިގައި އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ.