Advertisement
ކ. މާލެ
|
8 ނޮވެންބަރ 2025 | ހޮނިހިރު 12:10
މިއީ ލީގުގައި ވެލެންސިއާ ހޯދު ދެވަނަ މޮޅު
މިއީ ލީގުގައި ވެލެންސިއާ ހޯދު ދެވަނަ މޮޅު
އަދަދު ސްޕޯޓްސް
ދިވެހި ޕްރިމިއާ ލީގު
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އިން ވިކްޓަރީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، ލީގު ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލައިފި.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުން ވެލެންސިއާ އިން ވިކްޓަރީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ. މި މޮޅާއެކު ވެލެންސިއާ ވަނީ ލީގު ތާވަލުގައި ހަވަނައަށް ކުރިއަށް ޖެހިލާފައެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޑޮމިނޭޓް ކޮށްގެން ކުޅުނީ ވިކްޓްރީ އެވެ. ވިކްޓްރީގެ ހަމަލާތައް ހުއްޓުވުމުގައި، ވެލެންސިއާގެ މޮލްޑޯވާ އަށް ނިސްބަތްވާ ކީޕަރު ވިއޮރެލް ބޮއިއާން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމުން ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ހާއްސަކޮށް ވިކްޓްރީން ގިނަ ހަމަލާތަކެއް އުފައްދާ ލަނޑު ޖެހުމަށް މަސައްކަތް ކުރިއެވެ. މެޗުގައި ވެލެންސިއާ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 79 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު، އަހުމަދު އަތުވާން އަލީ އެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން، ވެލެންސިއާގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ ނެގި ހުރަހަކަށް ފުންމައިގެން އަރައި، އަތުވާން ބޮލުން ޖެހި ބޯޅަ ވިކްޓަރީގެ ސީރިއާ ކީޕަރު މަހުމޫދު އަލް ޔޫސުފް އަތްމަތިން ވަނީ ގޯލުގެ ކަނަށެވެ.

މިއީ، ވިކްޓަރީގެ ކޯޗުކަމާއި ސްލޮވާކިއާގެ ޖޯޖްލީ ގެރީ ހަވާލުވި ފަހުން ބަލިވި ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ބަލިވިއިރު، އޭގެ ފަހުން ކުޅުނު ދެ މެޗުން، ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވި އެވެ.

ލީގުގައި ދެން ވިކްޓަރީ ކުޅޭ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ކުޅޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ އެވެ. އަދި، ވެލެންސިއާ އިން ދެބް ކުޅޭ މެޗުގައި މި މަހު 23 ވަނަ ދުވަހު ބައްދަލު ކުރާނީ ކްލަބް އީގަލްސް އާއެވެ.

- ކޮމެންޓް