ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ފަހު ވަގުތު ޖެހި ގޯލުން، ޓީސީ ސްޕޯޓްސް ކްލަބުން ބުރު ސްޕޯޓްސް ކްލަބް ކައިރިން މުހިންމު ޕޮއިންޓެއް ހޯދައިފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ވެސް ގޯލު ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، ލިބުނު ފުރުސަތުތައް އެދެވޭ ގޮތެއްގައި އެއްވެސް ޓީމަކަށް ބޭނުން ކުރެވިފައެއް ނުވެއެވެ.
މެޗުގެ ދެ ގޯލު ވެސް ފެނިގެންދިޔައީ ދެ ވަނަ ހާފުގައެވެ. ބުރުން ލީޑު ނެގީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. މިއީ ކައުންޓަރ އެޓޭކެއްގައި ބުރުން ކުރިއަށް ޖެހިގެން ކުޅެނިކޮށް، ޓީސީ އޭރިއާތެރެ އިން ލިބުނު ބޯޅައެއް ހޯދައި، ބުރުގެ ބްރެޒިލް ފޯވާޑް ހުޑްސަން ޑިއާޒް ޖެހި ރީތި ގޯލެކެވެ.
ޓީސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އިތުރު ވަގުތު ތެރޭގައި އަބްދުލްވާހިދު އިބްރާހިމް ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތުމުން މުހައްމަދު ދާނިޝް އިބްރާހީމް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި މެޗަށްފަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިމަހު 18 ވަނަ ދުވަހު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހި ޤައުމީ ޓީމުން ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މުހިންމު މެޗަށް މެދުކަނޑާލާނެއެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ މި މަހު 22 ވަނަ ދުވަހު، މާޒިޔާ އާއި ވިކްޓަރީ ކުޅޭ މެޗުންނެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓް ހޯދައިގެންނެވެ. ކޮންމެ ޓީމެއް ވެސް ހަތް މެޗު ކުޅެފައިވާ އިރު، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް 16 ޕޮއިންޓް ލިބިފައިވެ އެެވެ.
ލީގުގެ ހަތަރު ވަނައިގައި އޮތީ 9 ޕޮއިންޓާ އެކު، ކްލަބް އީގަލްސް އެވެ. ފަސް ވަނައިގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބަށް ވެސް 9 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލި ބުރު އޮތީ ހަ ވަނައިގައި 8 ޕޮއިންޓާ އެކުގަ އެވެ.
ހަތް ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ 7 ޕޮއިންޓް ލިބިފައެވެ. އަށް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އާއި ނުވަ ވަނައިގައި އޮތް ޓީސީ އަދި ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވަނީ 4 ޕޮއިންޓް ލިބިފައެވެ.