ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ހޭދަ ކުރުމަށް ވައުދުވެވަޑައިގަންނަވާފައިވާ ކޮންމެ 100 ރުފިޔާ އަކުން ހޭދަކުރައްވާފައި ވަނީ އެންމެ 8 ރުފިޔާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ޝަމްހީދު އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ، "ހައުސިން ކްރައިސިސް"ގެ ނަމުގައި އެމްޑީޕީ އިން ބޭއްވި އޯޕެން މައިކް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޑރ.ޝަމްހީދު ވިދާޅުވީ ވެރިކަމަށް އަންނަން ސަރުކާރުން ވަރަށް ބޮޑެތި ވައުދުތަކެއް ވެފައިވާ ކަަމަށެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެންމެ ބޮޑު ބަހުސް އަކަށް ވީ އެއްކަމަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލަ އަށް އެންމެ ރަނގަޅު ހައްލެއް ހޯދޭނެ ޕާޓީ އަކީ ކޮބައިތޯ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. 65000 ގެދޮރު ހަމައެކަނި މާލެ ސަރަހައްދުގައި ވެސް ބިނާކުރާނެ ކަމަށް މި ސަރުކާރުަން ވައުދުވި ކަމަށާއި ނިމިދިޔަ ސަރުކާރުން އަޅާފައިވާ ގޯތިތައް ގެދޮރަށް ބަދަލުކޮށްދޭނެ ކަމުގެ ވައުދު ވެސް މި ސަރުކާރުން ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރިޔާސީ ބަޔާނުގައި ވައުދުވީ މިދިޔަ ޖުލައި މަހު ހުޅުމާލޭގައި ހިއްކަން ހުރި ތަންތަން ހިއްކާނަމޭ. ހުރިހާ ގޯއްޗެއް ހިއްކާފައި ހަވާލުކުރުމާއި 1 ބިލިއަން ރުފިޔާ 5% އިންޓްރެސްޓްގައި ލޯނު ދިނުމާއި، ޕީއެސްއައިޕީގެ ގޮތުގައި މުޅިން އާ 1800 މިލިއަން ރުފިޔާ މި އަަހަރު ތެރޭގައި ފަށާނެ ކަމަށް ވައުދުވި. އަހަރު މި ހިސާބަށް ދިޔަ އިރު ހުޅުމާލެ ނުހިއްކާ. ގުޅީފަޅު އޮތީ އޮތް ގޮތަށް." ޑރ.ޝަމްހީދު ވިދާޅުވިއެވެ.
ސަރުކާރުން މި އަހަރުގެ ތެރޭގައި ހޭދަކުރަން ބުނި 1800 މިލިއަން ރުފިޔާގެ ތެރެއިން އޮކްޓޯބަރ މަހާއި ހަމައަށް އައި އިރު ހޭދަކުރީ ހަމައެކަނި 160 މިލިއަން ރުފިޔާ ކަމަށް ޑރ.ޝަމްހީދު ވިދާޅުވިއެވެ. އެއީ ކޮންމެ 100 ރުފިޔާ އަކުން 8 ރުފިޔާ ކަަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އަހަރު ހާސިލް ކުރަން ބުނި ކަންކަން ހާސިލް ނުވާ ކަމަށާއި، ވައުދުތައް ވެސް ނުފުއްދޭ ކަަމަށް ޑރ.ޝަމްހީދު ވިދާޅުވިއެވެ. އެކަންކަމާއި ދެކޮޅަށް މިއަދު ބަސްބުނަން ޖެހޭ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވަނީ މި ސަރުކާރުން ބަޖެޓް ހޭދަކުރާ ގޮތަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެެ. އަދި ވައުދުތައް ވެސް ނުފުއްދޭތީ އެކަމާއި މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މިދިޔަ އަހަރު ވެސް ބަޖެޓުން ބެރުން 800 މިލިއަން ހޭދަކުރި ކަމަށާއި އެ ފައިސާ ހޭދަކުރި ގޮތް ސާފު ނުވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އެ ނޫނަސް ސަރުކާރުގެ މާލީ ކަންކަމާއި މެދު ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން ހުރި ކަަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ ސިޔާސަތުތައް މި ސަރުކާރުން ގެންގުޅެނީ ނުރަނގަޅުކޮށް ކަމަށް ފާހަގަކުރައްވާ އެކަމަށް ޝަމްހީދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ބަޖެޓުން ބޭރުން ފުށިދިއްގަރު ފަޅުގެ މަސައްކަތް ކުރުން ފަދަ ކަންކަން މި ސަރުކާރަށް ދިމާވަނީ ރަނގަޅު ޕްލޭނެއް މިސްރާބެއް ނެތުމުން ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އިތުރު 500 ފްލެޓް އެޅޭހާ ފައިސާ ބަޖެޓުން ބޭރުން ވާ ނުވާ ނޭނގޭ ގޮތަށް ޚަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިޚުލާސްތެރިކަމާއި އެކު ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. ފްލެޓްތަކުގެ މަސައްކަތް ލަސްވާ ސަބަބަކީ އެއީ ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.