Advertisement
ކ. މާލެ
|
16 ނޮވެންބަރ 2025 | އާދީއްތަ 17:10
ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް
ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް
މަޖިލިސް
ބަޖެޓު 2026
މިސަރުކާރުން މަޑަވެއްޔަށް އެއްވެސް ކަމެއް ނުކޮށްދޭ، މިވަރުން އަތް ޖެހޭކަށް ނެތް: ޕީއެންސީ މެންބަރު ޝަމީޒް
ބަޖެޓުގައި މަޑަވެއްޔަށް ބިން ހިއްކުމާއި ގެދޮރު ދިނުމުގެ ވައުދުތައް ހިމެނިފައިވި ނަމަވެސް އެކަންކަން ތަންފީޒު ނުކުރެވޭ ނަމަ ބަޖެޓު ވެގެން ދަނީ ހަމައެކަނި އަދަދުތަކަށް ކަމަށް މަޑަވެލި ދާއިރާގެ މެންބަރު ފާހަގަކުރެއްވި
ދައުލަތުގެ ފައިސާ ހަރަދު ކުރަނީ ކޮން ކަމަށްތޯ މަޖިލީހުން ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި

ރައީސް މުޢިއްޒުގެ ސަރުކާރުން ގދ. މަޑަވެއްޔަށް މިހާތަނަށް އަދި އެއްވެސް ކަމެއް ކޮށްދެވިފައި ނެތް ކަމަށާއި މިވަރުން އަތް ޖެހެން ނެތް ކަމަށް މުއިއްޒުގެ ޕާޓީ ޕީއެންސީ އަށް ނިސްބަތްވާ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވިދާޅުވެއްޖެ އެވެ.

ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ޝަމީޒް ވިދާޅުވީ މި ބަޖެޓު ތެރެއިން މަޑަވެއްޔަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން ބިން ހިއްކާ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ގެދޮރު ދެވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ނަމަވެސް ބަޖެޓުގައި އަކުރުތަކެއް ޖަހާފައި އޮތް ނަމަވެސް އެކަން ތަންފީޒު ނުކުރެވޭނަމަ ބަޖެޓު ވެގެންދަނީ ހަމައެކަނި ޖަހާލާ އަދަދުތަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މަޑަވެލީގެ ރައްޔިތުންގެ ގެދޮރުގެ ދަތިކަމުގެ ވާހަކަ އޭނާ ތަކުރާރުކޮށް ދައްކަމުންދާ ކަމަށާއި އެކަމަށް ހައްލު ނުލިބޭ ކަމަށް ޝަމީޒް ވިދާޅުވި އެވެ. އަސާސީ އެހެން ހިދުމަތްތައް ވެސް ނުލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ. މި ވާހަކަތަކަށް ފަހު ޝަމީޒް ވަނީ މި ފަހުން ސަރުކާރުން އެއް ދުވަސް ތެރޭ ދިން 206 މަޝްރޫއުގެ ތެރޭގައި އޭނާގެ ދާއިރާގެ ބައެއް ކަންކަން ހިމެނޭތީ އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

3،000 މީހުންގެ އާބާދީއެއް މިއަދު އެއޮތީ ނަރުދަމާގެ އެއްވެސް ކަހަލަ ހިދުމަތެއް ނުލިބި. ދެން އަޅުގަނޑުމެން އަތްޖަހާފަ ހަމަ ގޮވަން ވީތޯ. އަޅުގަނޑުމެންނަކަށް ނެތް އަތް ޖެހޭކަށެއް

މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް

ޝަމީޒް ވިދާޅުވީ ގދ. ނަޑެއްލާ އާއި މަޑަވެލީގެ ނަރުދަމާގެ މަސައްކަތްތައް ފެށިތާ އެތައް ދުވަހެއް ފާއިތުވެފައިވި ނަމަވެސް އަދިވެސް އެ މަސައްކަތްތައް ނިމޭނެ ދުވަހެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. އެ ކަމުގެ ޒިންމާ ނަގަން ޖެހެނީ ކޮން ސަރުކާރަކުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ފައިސާ ހަރަދު ކުރަނީ ކޮން ކަމަށްތޯ މަޖިލީހުން ބަލަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް އެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކުރޭތޯ މަޖިލިސް މެންބަރުން ބަލައި އެ ވާހަކަ ދައްކަން ޖެހޭ ކަމަށް ވެސް ޝަމީޒް ވިދާޅުވި އެވެ.

މަޑަވެލި ދާއިރާ އަކީ ގދ. އަތޮޅުގެ އެތައް ރަށެއް ހިމެނޭ ދާއިރާއެކެވެ. އެ ދާއިރާގެ ރައްޔިތުން އަސާސީ ހިދުމަތްތައް ލިބުމުގައި ދިމާވާ ދަތިތައް ޝަމީޒް މަޖިލީހުގައި ވަނީ އެތައް ފަހަރަކު ފާހަގަކުރައްވާފަ އެވެ. ނަރުދަމާގެ މަސައްކަތްތަކާއި ގެދޮރުވެރިކަމުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅު އަޅަން އޭނާ ގޮވާލައްވާފައިވެ އެވެ.

- ކޮމެންޓް