މިވެރިކަން ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އަދި މާކުރިން ހިސާބު ޖައްސަވައިގެން މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި މިހާރުގެ މަޖިލީހުގެ މިހާރު ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ ބޮޑު ޖަލްސާ ނިންމާލީ އަނގައިން ބުނާނެ ފުރުސަތެއް ނުދީ ބާކިވެފައި ހުރެގެން ނެވެ.
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ ވެސް އަބްދުއްރަހީމް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ޕޯޑިއަމްގައި ގަދަ ބަސް ވިދާޅުވެ، މުއިއްޒު ވެރިކަމަށް ގެންނަން މޮޅެތި ހިސާބުތައް ޖެއްސެވި ކަަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެން ފަހުން ވެރިކަމުގެ ކުރީކޮޅު އަބްދުއްރަހީމް ހުންނެވީ ހަމަ އެގޮތުގަ އެވެ. ސިޔާސީ ބޮޑެތި މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގައި ވެސް އަބްދުއްރަހީމްގެ ބާރުވެރިކަން ދެއްކި އެވެ. އެގޮތުން ބައެއް ވުޒާރާތަކުގެ މިނިސްޓަރުން ފެންވަރުގެ މަގާމުތަކަށާއި ސްޓޭޓް މިނިސްޓަރުންފެންވަރުގެ މަގާމުތަކަށް ވެސް ބޭފުޅުން އައްޔަން ކުރައްވަމުން ގެންދެވީ އަބްދުއްރަހީމްގެ ލަފަޔާއި އިރުޝާދުގެ މަތިންކަމަށް އައީ ވިދާޅުވަމުންނެވެ. ޚުދު މުއިއްޒު ސަރުކާރުގެ އެންމެ މުހިންމު އެއް ވުޒާރާ ކަމުގައިވާ ޓޫރިޒަމް މިނިސްޓަރު ކަން ދެއްވީ ވެސް އަބްދުއްރަހީމްގެ ދަރިކަލުންނަށެވެ.
ޕީއެންސީން ރެކޯޑް ހެއްދެވިކަމަށް ބުނާ ބޮޑު ޖަލްސަގައި ދައުލަތުގެ ތިންބާރުން އެއްބާރުގެ ވެރިޔާ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަށް ޖަލްސާގައި އަނގައިން ބުނާނެ ފުރުސަތެއް ނުދީ ޖަލްސާ ނިންމާލުމުން ގިނަބަޔަކު ވަނީ އެކަން ފާހަގަ ކޮށްފަ އެވެ. އަބްދުއްރަހީމް އަށް ތާއީދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއަދު އަބްދުއްރަހީމް ބާކީ ކޮއްލިޔަސް މުއިއްޒު އެ މަގާމުގައި ހުންނެވުނީ އަބްދުއްރަހީމުގެ ރޭވުމުގެ ދަށުންނެވެ.
ޖަލްސާގައި ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވާހަކަ ދެއްކެވި އިރު އަބްދުއްރަހީމް އަށް އެފުރުސަތު ނުދިނުމަކީ އިންސަފެއް ނޫން ކަމަށްވެސް ރޭގެ ޖަލްސާ އަށްފަހު މީހުން އައީ ބުނަމުންނެވެ. ރޭގެ ޖަލްސާއިން ފާހަގަވި އަނެއް ކަމަކީ މުއިއްޒު އެ ޖަލްސާ ގައި ބޮޑު ތަގުރީރެއް ދެއްވި އިރު ޕީއެންސީ ޗެއަރޕާސަންގެ ނަން ވެސް ފާހަގަ ނުކޮށްލުމެވެ.
މުއިއްޒު މުޅިން ވެސް ދެއްކެވީ އަމިއްލަ އަށް ކަންކަން ކުރެއްވި ވާހަކަ އެވެ. އެހެން ސަރުކާރަކުން ނުހަދާ ރެކޯޑު ހެދި ވާހަކަ އާއި އެހެން ވެރިއަކު ނުކުރާ ކަމެއް ކުރިކަމުގެ ވާހަކަ އެވެ. ޝުކުރު އަދާކުރެއްވީ ބޮލަކަށް އެއްހާސް ރުފިޔާ ދީގެން ޖަލްސާއަށް ގެންދިޔަ މީހުންނަށާއި މަޖުބޫރު ކޮށްގެން ޖަލްސާ އަށް ގެންދިޔަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އަބްދުއްރަހީމް އަށް އޮތީ ޖަލްސާގައި އަތް އުރާލައިގެން އެކަނިވެރިވެފައި ހުރުމެވެ.
ގިނަ ބަޔަކު ބުނާގޮތުންނަމަ ރައީސް މުއިއްޒާއި އަބްދުއްރަހީމް އާއި ދެމެދު ޚިޔާލުތަފާތުވުންތައް އުފެދި ގުޅުން ގޯސްވީ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް މަގާމުން ވަކިކުރި ހިސާބުންނެވެ.
އެހިސާބުން އެ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާކަން އަބްދުއްރަހީމް ވަނީ މިޑީއާއަކަށް ދެއްވި އިންޓަވިއު އެއްގައިވެސް ވިދާޅުވެފަ އެވެ. އޭގެ ފަހުން އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމުން ދުރުކުރަން މަސައްކަތްކުރާ އަޑުތަކެއްވެސް ފެތުރުނެވެ.