އެންމެ ފުރަތަމަ ކޮޅު އަދި އެންމެ ފުރަތަމަ ހަފްތާގައި ވެސް އިނީޝިއަލް ވޯކް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އައްޑޫގެ ހުޅުދޫ މީދޫ ބުރިޖުގެ މަސައްކަތް ދެވަނަ ބަޔަކާއި ހަވާލުކޮށްފި އެވެ.
އައްޑޫ ސިޓީގެ ހިތަދު އާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 19 ފެބްރުއަރީ 2024 ގަ އެވެ. މި މަސައްކަތް ފުރަތަމަ ހަވާލުކުރީ ދަ ޢަރަބް ކޮންޓްރެކްޓާސް އާ އެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ ޑރ. އަބްދުﷲ މުއްތަލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބޯޑު މެންބަރު، އިންޖިނިއަ ހެބާ އަހުމަދު އަބޫ ލައިލާ އެވެ.
އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫ-މީދޫ ގުޅުވައިދޭ ބްރިޖް މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާރވޭ މަސައްކަތުގެ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.
— Ministry of Construction, Housing & Infrastructure (@MoCImv) February 19, 2024
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. pic.twitter.com/sJuiczhIBb
އެދުވަހުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އުންމީދު ކުރައްވަނީ އަދި ޔަގީން ވެސް ކުރައްވަނީ، ސޮއިކުރެވުނު އެއްބަސްވުން، ދެން ބަދަލުވެގެންދާނީ ކޮންޓްރެކްޓަކަށް ކަމަށެވެ. އަދި އަމަލީ މަސައްކަތުގެ ކޮންޓްރެކްޓަކަށްވެ، އިރާދަކުރެއްވިއްޔާ ހަމަ މި އަހަރުގެ [2024 ވަނަ އަހަރު] ތެރޭގައި، އެ ބުރިޖުގެ ޢަމަލީ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަންދާޒާއަކީ ގާތްގަނޑަކަށް ތިން އަހަރާއި ބައި، ހަތަރު އަހަރު ތެރޭގައި މަސައްކަތް ނިންމެވުން ކަމަށެވެ.
މެކްސިމަމް ފޯރ އިޔަރސް. އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި މި މަސައްކަތް ނިންމައި، މި ސިޓީގެ ރައްޔިތުން ހިތަދޫން ހުޅުމީދު އަށް، ހުޅުމީދޫއިން ހިތަދު އަށް މުޅި ސިޓީއެކީ ގުޅި ލާމެހިގެން ގޮސް ދަތުރުކުރާ ތަން ފެނިގެންދާނެ. މިއީ، ހަމައެކަނި ޝަރަފަކަށްޓަކައި ކުރާ ކަމެއް ނޫން. އެންމެ މުހިންމީ އިޤްތިޞާދީ ކުރިއެރުމަށްޓަކައި ކުރާ ކަމަކަށް ވެގެންދިޔުން.
19 ފެބްރުއަރީ 2024 - ރައީސް ޑރ. މުހައްމަދު މުއިއްޒު![]()
Arab Contractors commenced the initial surveying works for preparation of the preliminary design of the Hithadhoo-Hulhumeedhoo Bridge project on 6th March 2024.
— Ministry of Construction, Housing & Infrastructure (@MoCImv) March 10, 2024
The initial surveys will be concluded today. pic.twitter.com/xS48pb3B4U
އަދި 10 މާޗް 2024 ގައި އެއިރު ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުނެފައިވަނީ އަރަބް ކޮންޓްރެކްޓަރސް އާއި ހަވާލުކުރި ބުރިޖުގެ ޕްރިލިމިނިނަރީ ޑިޒައިންގެ އިނިޝިއަލް ސަރވޭގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ނަމަވެސް ރައީސް މުއިއްޒު އައްޑޫގައި ވިދާޅުވި ގޮތަށް އަރަބް ކޮންޓްރެކްޓަރސް އާއި އެކު ސޮއިކުރެވުނު އެއްބަސްވުން، ކޮންޓްރެކްޓަކަށް ބަދަލު ނުވެ، މަސައްކަތުގެ އަމަލީ މަސައްކަތް ނުފެށި އޮއްވާ ސަރުކާރުން އާދިއްތަ ދުވަހު (26 އޮކްޓޯބަރު 2025) ވަނީ އައްޑޫ ސިޓީގެ އައްޑޫ ސިޓީ ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫއު މަޝްރޫއުގެ ސަރވޭތައް ހެދުމާއި، ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޢަމަލީ މަސައްކަތް ޓެންޑަރ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި ޓީވައިލިން އިންޓަރނޭޝަނަލް އިންޖިނިއަރިންގ ކޮންސަލްޓިންގ (ޗައިނާ) ކޮމްޕެނީ ލިމިޓެޑް (ޓީވައިލިން) އާއެކު ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބްއެވެ. އަދި ޓީވައިލިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗައިނާ ބްރާންޗްގެ ޕްރެސިޑެންޓް ޗެން ޝީއޯހޫ އެވެ.
The signing ceremony for the consultancy services of the proposed Hithadhoo-Hulhudhoo-Meedhoo Link Bridge Project was held today. The agreement was signed by the Minister of Construction, Housing and Infrastructure, Dr. Abdulla Muththalib, and the President of T.Y. Lin… pic.twitter.com/vPs53pKFsQ
— Ministry of Construction, Housing & Infrastructure (@MoCImv) October 26, 2025
މި ކޮންޓްރެކްޓަރުގެ އަގަކީ 1،025،000 (އެއް މިލިއަން ފަންސަވީސް ހާސް) އެމެރިކާ ޑޮލަރު ނުވަތަ 15،805،500 (ފަނަރަ މިލިއަން އަށްލައްކަ ފަސް ހާސް ފައްސަތޭކަ) ދިވެހި ރުފިޔާ އެވެ. ކޮންޓްރެކްޓުގެ މުއްދަތަކީ 6 މަސް ދުވަހެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ސަރވޭތައް ހެދުމާއި، ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޢަމަލީ މަސައްކަތް ޓެންޑަރ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމެވެ.
މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އައްޑޫ ބުރިޖުގެ މަސައްކަތަށް މިދިޔަ އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތެވެ. ނަމަވެސް އެ ފައިސާ އިން ކުރިކަމެއް ސަރުކާރުން ހާމަނުކުރެ އެވެ. މިއީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި މަސައްކަތް ފަށަން ސަރުކާރުގެ "ހަފުތާ14" ރޯޑުމެޕުގައި ހިމަނާފައިވާ ކަމެކެވެ.
ބޭރުގެ ދެ ކޮންޓްރެކްޓަރަކާ މިހާތަނަށް މި މަސައްކަތް ހަވާލު ކުރި އިރު އެއީ ކިހިނެއް ހޯދި ބައެއް ކަމެއް ވެސް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އައްޑޫ ސިޓީއަށް ވަޑައިގެން 27 ސެޕްޓެމްބަރު 2023ގައި ފޭދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައި ވަނީ "އުއްމީދަކީ އަދި އަޒުމަކީ އެންމެ ފުރަތަމަ ކޮޅު އަދި އެންމެ ފުރަތަމަ ހަފްތާގައިވެސް އިނީޝިއަލް ވޯކް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވާނެ، އެހެންނަމަވެސް އޭގެ ޑީޓެއިލް ޕްލޭން ހަދައި، އެކަމުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރާނަން. އަޅުގަނޑު ބޭނުންވަނީ އިރާދަކުރެއްވިއްޔާ ފުރަތަމަ އަހަރު ދުވަހު ތެރޭ މަސައްކަތް ފެށުމަށް" ކަމަށެވެ.