Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2025 | އާދީއްތަ 19:18
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޖަލްސާ
ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާ: ސަރުކާރުން ފޮނުވި އެއްވެސް މަސައްކަތެއް ނެތް އައު ކަންތަކުގެ ގޮތުގައި ހުރީ މެންބަރު ކުޑޫ ހުށަހެޅުއްވި ކަންކަން
ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި ހެލްތް މިނިސްޓަރާއި ހޯމްލޭންޑް މިނިސްޓަރާ ސުވާލުކުރުމަށް އެޖެންޑާ ކޮށްފައިވޭ
މަޖިލީހުގައި ވަޒީރުންގެ މާލީ ބަޔާން ހާމަކުރުމާއި ގުޅޭ ބިލާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ހިމެނޭ
މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާކުރުމަށް ކޮމިޓީތަކަށް ފޮނުވުމަށް ނިންމާފައިވޭ

ހެލްތް މިނިސްޓަރާއި ހޯމްލޭންޑް މިނިސްޓަރާއި ކުރާ ސުވާލުތައް ހިމަނައި ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކޮށްފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު 9:00 އަށް ޖަލްސާ ތާވަލުކޮށްފައިވާ އިރު ސުވާލު ކުރުމުގެ ބައިގައި ހިމެނެނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމްއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ 2 ސުވާލެވެ. ފުރަތަމަ ސުވާލަކީ ދުނިޔޭގެ ތަހުޒީބީ މުޖުތަމަޢުތަކުގައި ސަރުކާރުތަކުން ގިނަ ވިޔަފާރިތައް ކުރުމުގެ ބަދަލުގައި ކުރާކަމަކީ ރެގިއުލޭޓްކުރުން ކަމަށެވެ. އަދި އާސަންދައިން އައިނު ހައްދައިދޭ އުސޫލު ރެގިއުލޭޓްކުރުމުގެ ބަދަލުގައި ސީދާ ސަރުކާރުން އެ ވިޔަފާރިކުރަން ނިންމި ސަބަބަކީ ކޮބައިތޯ އަދި ސަރުކާރުގެ އައިނު ފިހާރަ ހިންގަން ފަށަން ކިހާ ޚަރަދެއް ދިޔަތޯ؟ އަދި، އަހަރެއްގެ މައްޗަށް މި ވިޔަފާރި ހިންގަން ކިހާ ޚަރަދެއް ހިނގާނެތޯ އެވެ.

މީގެ އިތުރުން އައިނު ވިއްކުމުގެ ވިޔަފާރިއަކީ އަމިއްލަ ގިނަ ކުންފުނިތަކަކުން ޒަމާންތަކެއް ވަންދެން ކުރަމުން އައި ވިޔަފާރިއެއް ކަމަށާއި، މި ވިޔަފާރީގެ ތެރެއަށް ސަރުކާރުން ކުއްލިއަށް ގޮތަކަށް ވަނުމުގެ ކުރިން މިކަމުގެ ސަބަބުން އެ ވިޔަފާރިތަކަށް ދިމާވެދާނެ ގޮންޖެހުންތައް ކިހާ ވަރަކަށް ދިރާސާކުރެއްވިންތޯ އަދި ދިރާސާގެ ނަތީޖާއަކީ ކޮބައިތޯ އެވެ.

މީގެ އިތުރުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި 3 ސުވާލެއް ކުރައްވާފައިވެއެވެ. ފުރަތަމަ ސުވާލަކީ 4 ޖޫން 2024 ގައި ބޭއްވުނު ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނިންމެވި ކަންކަމުގެ ތެރޭގައި، މަސްތުވާތަކެއްޗ ގުޅުންހުރި ޤައުމީ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ފުރިހަމަކުރާ ވާހަކަ، ޔައުމިއްޔާގައި ބަޔާންކޮށްފައި އެބައޮތް ކަމަށާއި، އެ މަސައްކަތް ފުރިހަމަވާނެކަމަށް އަންދާޒާ ކުރާ ތާރީޚަކީ ކޮބައިތޯ އެވެ.

ދެވަނަ ސުވާލަކީ މަސްތުވާތަކެތީގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ މިންވަރާއި، އެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ ކޮބައިތޯ އެވެ. އަދި ތިންވަނަ ސުވާލަކީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުން ހަދާފައިވާ ގަވާއިދު ބަޔާންކުރާ ގޮތުން، އެ އެޖެންސީގެ ސ.ީއ.ީއޯ އަކަށް ހުންނަވާ ބޭފުޅަކީ ޑިގްރީ ސަނަދު އޮންނަ މީހަކަށްވުން ލާޒިމުކުރާ ކަމަށެވެ. އަދި "އެކްޓިންގ ސ.ީއ.ީއޯ" އަކީ ޤާނޫނު ދަންނަ މަފްހޫމަކަށް ނުވާހިނދު، ކަމުގެ އެއްވެސް ޢިލްމެއް އަދި ތަޖުރިބާއެއް ނެތް ބޭފުޅަކު އެންޑީއޭގެ އެކްޓިންގ ސ.ީއ.ީއޯ އަކަށް ހުންނަތާ 2 އަހަރު ހަމަވަނީ ކަމަށާއި، ޤާނޫނުގައި ބަޔާންކުރ ގޮތަށް ސ.ީއ.ީއޯއަކު ނުނަގަނީ ކީއްވެތޯ އެވެ.

ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 51 ވަނަ ބާބުގެ ފަހަތަށް ބާބެއް އިތުރުކުރުމަށް ހުށަހަޅާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން އަދި ގަވާއިދުގެ 61 ވަނަ މާއްދާ އިސްލާހު ގެނައުމަށް ހުށަހަޅާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމާއި، ގަވާއިދުގެ 75 އަދި 76 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ދާއިމީ ކޮމިޓިއަށް ފޮނުވުން ހިމެނެއެވެ.

މަޖިލީހަށް ތައާރަފްކުރާ ބިލުގެ ގޮތުގައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ ބިލެވެ. އަދި ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި ގުރައިދޫ ދާއިާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ރީ-އެމްޕްލޯއިމަންޓުގެ ބިލުގެ ބަހުސާއި، މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހަޅުއްވާފައިވާ ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލިތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލާ ހުށަހަޅާ ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

- ކޮމެންޓް