ސްކޫލު ނިމޭ ގަޑިތަކުގައި ޓްރެފިކް ހާލަތު ބެލެހެއްޓުމަށް ޓަކައި، ޚާއްސަ އުސޫލެއް ކަނޑައަޅުއްވުމަށް ތަންފީޒުކޮށްދެއްވުމަށާއި ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް، މިކަމާ ގުޅޭ ގަވާއިދުތަކާއި އިންތިޒާމުތައް ހަމަޖައްސާދިނުމަށް އެދި ހުށަހަޅައިފި އެވެ.
މިގޮތަށް އެދިފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮނަރަބަލް މުޙައްމަދު އަމީން އަށް ފޮނުއްވި ސިޓީ ގަ އެވެ.
އެ ސިޓީގައި ކުޑޫ ވިދާޅުވެފައި ވަނީ ސުކޫލުތައް ނިމޭ ގަޑީގައި ޓްރެފިކް ބެލެހެއްޓުމަށް ޚާއްސަ ޤަވާޢިދެއް ނުވަތަ އުސޫލެއް ނެތްކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ސައިކަލުތައް ވަގަށް ނެގުމުގެ ޢަމަލުތައް ގިނަވެފައިވާ ކަަމަށް އޭނާ ފާހަގަކުރި އެވެ. އެކަމުގެ ސަބަބުން ވެހިކަލްތަކުގެ ވެރިފަރާތްތަކަށް ކުރިމަތިވާ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދަންޖެހޭ ކަަމަށް ވެސް މެމްބަރު ވަނީ ވިދާޅުވެފަ އެވެ.
ފަހަކަށް އައިސް ސައިކަލުތައް ވަގަށް ނެގުމުގެ ޢަމަލުތައް ގިނަވެ، އެކަމުގެ ސަބަބުން ވެހިކަލްތަކުގެ ވެރިފަރާތްތަކަށް ކުރިމަތިވާ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ލިބިގެންދާނެ އިންތިޒާމު ވެސް ހަމަޖައްސަވައި ދެއްވުމަށް މެމްބަރު އެދިވަޑައިގަންނަވާފައިވެ އެވެ. ސައިކަލު ވަގަށް ނެގިކަން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރަސްމީކޮށް ހުށަހެޅިފައިވާ ހާލަތްތަކުގައި، ސައިކަލު ފެނިއްޖައުމަށް ދާންދެން، އެ ވެހިކަލްގެ އަހަރީ ފީ ދެއްކުމުން މަޢާފުކޮށްދެއްވުމުގެ ޚާއްސަ އިންތިޒާމެއް މިނިސްޓްރީން ހަމަޖައްސަވައިދެއްވުމަށް ވެސް ވަނީ އެދިފަ އެވެ.
ހަމައެހެންމެ މި އިންތިޒާމުގެ ދަށުން، ވަގަށް ނެގުނުކަން ޕޮލިސް ރިޕޯޓާ އެކު ތިޔަ މިނިސްޓްރީއަށް ހުށަހެޅުމުން، އެ ތާރީޚުން ފެށިގެން ސައިކަލު ފެނި އަލުން ރަޖިސްޓްރީއަށް އިޢާދަ ނުކުރެވެނިސް އަހަރީ ފީ ދައްކަން ނުޖެހޭނެ އުސޫލެއް ކަނޑައެޅުއްވުމަށް ވަނީ އެދިފަ އެވެ. އަދި ސައިކަލު ފެނިއްޖެނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އެންގުމަށްފަހު، މިނިސްޓްރީގެ އުސޫލެއްގެ ދަށުން އަލުން ރަޖިސްޓަރީއަށް އިޢާދަ ކުރުމުގެ ފުރުސަތު ލިބިދިނުމަށް ވެސް އެދިފައިވެ އެވެ.
އެކަމަށްޓަކާ އިދާރީ މަސައްކަތް ކުރުމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބައިވެރިވުމާއި އެކު ނިންމަންޖެހޭ އިދާރީ ނިންމުންތަކާއި ހޯދަންޖެހޭ މައުލޫމާތު ބަދަލުކޮށް، ރައްޔިތުންގެ އަތުން އަހަރީ ފީނެގުމުގައި ލުއި ލިބިގެންދާނެ އިންތިޒާމު ހަމަޖެހިގެންދާނެ ގޮތްތަކެއް ހޯދައިދިނުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.
ސުކޫލުތައް ނިމޭ ގަޑީގައި ޓްރެފިކް ބެލެހެއްޓުމަށް ޚާއްސަ ޤަވާޢިދެއް ނުވަތަ އުސޫލެއް އެ މިނިސްޓްރީން ނުވަތަ ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ސީދާ ފެންނަން ނެތްކަން ފާހަގަ ކުރެވެ އެވެ.
ރާއްޖޭގެ ސްކޫލުތައް ނިމޭ ވަގުތުތަކުގައި ސްކޫލުތަކުގެ ވަށައިގެންވާ މަގުތަކަކީ ޢާންމުކޮށް ކުޑަކުދިން ގިނައިން ހިނގައިބިނގައިވާ އަދި ސްކޫލުތައް ކައިރީގައި ޓްރެފިކް ބާރުބޮޑުވެ އެކަމުގެ ސަބަބުން ކުދިންނާއި ބެލެނިވެރިންގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި މިހާރުގެ ޢާންމު ޓްރެފިކް ޤަވާޢިދުތަކުގެ އިތުރުން ޚާއްސަ ގަޑިތަކަށް ޚާއްސަ އިންތިޒާމުތައް ބޭނުންވާ ކަމަށް މެމްބަރު ކުޑޫ ވަނީ ފާހަގަކުރައްވާފަ އެވެ.