އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބޭއްވި "ލޫޓުވައިފި، ލޫޓުވައިފި" ބޮޑު މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންނަކީ ސިޔާސީ ގޮތުން ހައްޔަރު ކުރި މީހުން ކަމަށާއި، އެ މީހުން ހައްޔަރުކުރުމަށް އެއްބާރުލުން ދިނުމަކީ ފުލުހުން ޖައްބާރު ވެރިކަމަކަށް ފުރުސަތު ދިނުން ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އަތޮޅުވެހި ސަރަހައްދުގައި ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ. އެ މުޒާހަރާ އަކީ ހުކުރު ދުވަހުގެ ރޭ ކުރިއަށް ދިޔަ ބޮޑު މުޒާހަރާ އިން ހައްޔަރުކޮށް ބަންދުގެ މުައްދަތު ޖަހާފައިވާ ފަރާތްތަކުގެ ދިފާއުގައި ކުރި މުޒާހަރާއެކެވެ.
ބަންދުގެ މުއްދަތު ޖަހާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ، ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު، އަލީ ޖުމާން، އަޒީމް އަލީ، ހަސަން ޝާކިރު ހިމެނެއެވެ.
އެ ރޭގެ މުޒާހަރާ އިން ހައްޔަރުކުރި އެންމެން ވެސް ހައްޔަރު ކުރީ ސިޔާސީ މަގްސަދެއްގައި ކަމަށާއި އެ މީހުން ވަގުތުން ވަގުތަށް ދޫކޮށްލަން ގޮވާލައްވާ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވިދާޅުވިއެވެ. އަދި މިއީ ޤައުމު މިދަނީ ރަނގަޅު މިސްރާބަކަށް ނޫންކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިފަދަ ކަންކަން ދޫކޮށްލައިގެން އާއްމުން ނުތިބޭނެކަމަށާއި އާއްމުން ނުކުމެ އެކަންކަމާއި ދެކޮޅަށް އަޑު އުފުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޤާނޫނުއަސާސީން ލިބޭ ޚިޔާލުފާޅުކުރުމުގެ ހައްގު ބޭނުންކުރުމުން ހައްޔަރު ކުރީ، ރައީސް ޑރ.މުހައްމަދު މުއިއްޒު އަންގަވައިގެން އެކަން އެންގެވި ބޭފުޅުންނަށް ލިބޭ އެއްޗެއްގެ ބޮޑުކަމުން. މިއީ ސީދާ ސިޔާސީ ގޮތުން ހައްޔަރު ކުރި މީހުން" އޭނާ ވިދާޅުވިއެވެ.
ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގައި އެތައް ހާސް ބަޔަކު ވަނީ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ ޝުއޫރު ފާޅުކޮށްފައެވެ. އެ އާއި އެކު ވަރަށް ބޮޑަށް ސަރުކާރު ޕްރެޝަށް ވެއްޓުނު ކަމަށް އާއްމުން ފާހަގަކުރެއެވެ. މަޖީދީ މަގުން ހިނގާފައި ދާން މުޒާހަރާގެ ބައިވެރިން މަސައްކަތްކުރުމުން، ބާރުގެ ބޭނުންކޮށް ރަޔަޓު ގިޔަރުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ރަޔަޓް ގިޔަރުގައި ނުކުމެ، މުޒާހަރާ ކޮންޓްރޯލް ކުރުމަށް ޕެޕަ ސްޕްރޭ ޖެހުމުގެ އިތުރުން ސޮނިކް ވެޕަން ބޭނުންކުރި އެވެ. މުޒާހަރާގައި ފުލުހުން ހަރަކާތްތެރިވީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްގެން ކަމަށް ގިނަ އަދަދެއް އާއްމުން ދަނީ ބުނަމުންނެވެ.