Advertisement
ކ. މާލެ
|
16 ނޮވެންބަރ 2025 | އާދީއްތަ 13:56
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
އެމްޑީޕީ
ކޯޓު ހުކުމް
މުޒާހަރާގައި މުއިއްޒުގެ ދަރިކަލުންނާ ބެހޭ ގޮތުން މަންދި އާއި މާޒް ސަލީމް ދެއްކި ވާހަކަ އަށް ފައްޔާޒު އާއި އެމްޑީޕީ އިން ޒިންމާވާން ޖެހޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފި
މަންދި އާއި މާޒް ސަލީމް ދެއްކި ވާހަކަ އަށް ވެސް އެމްޑީޕީން ޒިންމާވާން ޖެހޭ
ކޯޓުން ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށް އެމްޑީޕީ އަދި ފައްޔާޒާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ވެސް ނިންމާފައި
ފައްޔާޒު ޒިންމާވާން ޖެހޭ ކަމަށް ކަނޑައަޅާފައިވާއިރު ތިންވަނަ ފަރާތަކުން ދައްކާ ވާހަކަ އަކަށް ޕާޓީގެ އިސްފަރާތަކުން ޒިންމާވަން ޖެހެނީ ކިހިނެއްތޯ ގާނޫނީ ވަކީލު ވަނީ ސުވާލު އުފައްދާފައި

އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު އާ ބެހޭ ގޮތުން މަންދި އާއި މާޒް ސަލީމް ދެއްކި ވާހަކަ އަށް ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާއި އެމްޑީޕީން ޒިންމާވާން ޖެހޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދައުވާ ކުރީ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު އަށެވެ.

މި މައްސަލާ ގައި ފެމިލީ ކޯޓުން ކަނޑައަޅާފައިވަނީ ޕާޓީގެ އިސް ފަރާތެއްގެ ހައިސިއްޔަތުން މަންދީ ދެއްކި ވާހަކަތަކަށް ފައްޔާޒު ޒިންމާވާން ޖެހޭ ކަމަށެވެ. އަދި މަންދި އާއި މާޒް އަހުމަދު ސަލީމް (މާޒް ސަލީމް) ދެއްކި ވާހަކަ އަށް ވެސް އެމްޑީޕީން ޒިންމާވާން ޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

މި މައްސަލަ ކުރިއަށް ގެންދިޔަ ގޮތަށް ބަލާއިރު، މަންދިގެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ވަކިންނެވެ. އަދި ފައްޔާޒާއި އެމްޑީޕީއާ ދެކޮޅަށް ހުށަހެޅި މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ކުރިއަށްގެންދިޔަ އެވެ. ފައްޔާޒު ޒިންމާވާން ޖެހޭ ކަމަށް ކަނޑައަޅާފައިވާއިރު، އުމެއިރަށް ނިސްބަތްވާ ކަމަށް ބުނާ ވާހަކަ ދެއްކީ މަންދީ އެވެ.

މާޒް ސަލީމް ދެއްކި ކަމަށް ބުނާ ވާހަކަ އާ ބެހޭ ގޮތުން ކޯޓުން މާޒް އަށް ސުވާލެއް ވެސް ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ކޯޓުން ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށް އެމްޑީޕީ އަދި ފައްޔާޒާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ވެސް ނިންމާފަ އެވެ.

ފައްޔާޒް އާއި އެމްޑީޕީ އިން ޒިންމާވާން ޖެހޭނެ ކަމަށް ކޯޓުން ކަނޑައެޅި އިރު ތިންވަނަ ފަރާތަކުން ދެއްކި ވާހަކަ އަކަށް ޕާޓީންނާއި ޕާޓީގެ އިސްފަރާތަކުން ޒިންމާވާން ޖެހެނީ ކީއްވެތޯ ދިފާއީ ވަކީލުން ފާހަގަ ކުރި ނަމަވެސް ކޯޓުން އެކަމަށް ރިއާޔަތް ކޮށްފަ އެއް ނުވެއެވެ.

މި މައްސަލަ ސާޖިދާގެ ފަރާތުން ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. އަދި އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށާއި، އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށް ވެސް އެ ކޯޓުން އޮތީ ނިންމައިފަ އެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ އެޓަރނީ ޖެނެރަލް އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާރމުން މައްސަލަ އާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސްގެ ދަރިފުޅު އުމައިރުއާ ގުޅޭގޮތުން މަންދި ދެއްކި ވާހަކަތަކަކީ އޭނާ އަށް ނުރައްކާވެދާނެ ވާހަކަތަކެއް ކަމަށާއި، އަދި އޭނާގެ ތައުލީމަށާއި މުސްތަގުބަލަށް ނޭދެވޭ އަސަރުކޮށްފާނެ ވާހަކަތަކެއް ކަމަށެވެ.

- ކޮމެންޓް