އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހާމަނުކުރާތީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީ އިން ވަނީ ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށާއި، މަޝްވަރާކުރުމަށް ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފަ އެވެ. އެމްޑީޕީ އިން ނެރުނު ބަޔާނުގައި ބުނީ ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަދި އަތޮޅު ކައުންސިލްތައް އުވައިލުންފަދަ، އެކިއެކި ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކަ، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވެރިން ދައްކަމުން އަންނަ ކަމަށެވެ.
ނަމަވެސް، އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރުވެސް، އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިނުވެ އެވެ. އަދި އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް ނުވަތަ ހިޔާލަށް ހުޅުވައިލައިފައެއްވެސް ނުވާ ކަމަށް އެމްޑީޕި އިން ބުނެ އެވެ.
މިހެންކަމުން، ބަދަލުތަކެއް ގެންނަން އުޅޭކަން އެނގުނު ނަމަވެސް، އެއީ ކޮން ބަދަލުތަކެއްކަން މިހައިތަނަށް ސާފުވެފައިނުވާ ކަމަށް އެ ޕާޓީ އިން ބުނެ އެވެ. މި ކަމުގެ ސަބަބުން، އެ ޕާޓީން އަދި އެހެނިހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ގަސްތުކުރާ ފަރާތްތަކަށްވެސް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. ސިޓީތަކުގައި އެކުލެވޭ ދާއިރާތައް ކަނޑައަޅައިފައި ނުވުމުގެ ސަބަބުން، އެ ތަންތަނުގައި ޕްރައިމަރީ ބާއްވާފަހުން އަންނަ ބަދަލާއެކު އަލުން ކެންޑިޑޭޓުން ކަނޑައަޅަންޖެހުން ނުވަތަ ޕްރައިމަރީ ބާއްވަން ޖެހިދާނެ ހާލަތު ދިމާވުންފަދަ އެތަކެއް ގޮންޖެހުންތަކެއް އެ ޕާޓީއަށް ދަނީ ކުރިމަތިވަމުން ކަމަށް އެމްޑީޕީ އިން ބުނެ އެވެ.
އެމްޑީޕީ އިން ބުނީ މި ބައްދަލުވުމުގައި، މި ކަންކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނާ ހިއްސާކުރުމުން، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރާވަމުންދާ ބަދަލުތަކަކީ ކޮބައިކަން އެ ކޮމިޝަނަށް ވެސް އަންގައިފައިނުވާ ކަމަށެވެ. އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލާމެދު އެ ކޮމިޝަނުގެ އެއްވެސް މަޝްވަރާއެއް ހޯދައިފައި ނުވާކަމަށްވެސް ބުނެފައިވެ އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން، އިންތިހާބީ ދާއިރާތަކާއި، ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، އަދި ކެންޑިޑޭޓުންގެ ޝަރުތުތައް ފަދަ، ލާމަރުކަޒީ ނިޒާމުގެ އަސާސީ ސިފަތަކާއި އުސޫލުތަކަށް އެންމެ ފަހު ވަގުތު ބަދަލު ގެނެސް، މި އިންތިހާބަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ރާވައިފައިވާކަން ހާމަވާކަމެއް ކަމަށް އެމްޑީޕީ އިން ބުނެ އެވެ.
މި ސަބަބުތައް އެ ގޮތަށް ހުރުމުން، ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އިންތިހާބީ އުސޫލުތަކަށް ބަދަލު ގެންނަ ކަމުގައިވާނަމަ، އެކަން އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކަށް ދުރާލާ އެންގުމާއެކު، ރައްޔިތުންނަށް އަވަހަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ.