ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އަންނަ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހިންގާ ކޮމެޓީ އަށް، ސަރުކާރުގެ އިސްވެރިން އިންތިޚާބު ކޮށްފި އެވެ.
ވިކްޓަރީގެ އައު ހިންގާ ކޮމެޓީ އިންތިޚާބު ކޮށްފައިވާއިރު، އެ ކުލަބުގެ ރައީސް އަކަށް އިންތިޚާބު ކޮށްފައި ވަނީ، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެެސް (ޕީއެންސީ) އަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފު އެވެ.
ވިކްޓަރީގެ ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބު ކޮށްފައި ވަނީ ހަތަރު މެމްބަރުންނެވެ. އެއީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމު އާއި، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްގެ އިތުރުން، ޢަބްދުއް ރަޙީމް ލަޠީފު އަދި ޢަބްދުﷲ ވަޙީދު އެވެ.
މީގެ އިތުރުން ވިކްޓަރީގެ ބޯޑު މެމްބަރުންނަށް އިންތިޚާބު ކުރި މެމްބަރުންގެ ތެރޭގައި ވެސް، މި ސަރުކާރުގެ އިސް ބޭފުޅުން ހިމެނެ އެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޙުސެއިން ފަޙުމީ އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ހިމެނެ އެވެ.
ވިކްޓަރީގެ ބޯޑު މެމްބަރުންގެ ގޮތުގައި ދެން އިންތިޚާބު ކޮށްފައި ވަނީ، އަޙުމަދު ރިޔާޒު، އަޙުމަދު އަރީޝް، އަދި އާއިޝަތު ރައިހާނާ އެވެ. އަލަށް އިންތިޚާބު ކުރި ހިންގާ ކޮމެޓީގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ. މި ހިންގާ ކޮމެޓީ އިންތިޚާބު ކޮށްފައި ވަނީ، ކުރީގެ ހިންގާ ކޮމެޓީ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ވިކްޓަރީގެ ހިންގާ ކޮމެޓީ އަށް ސަރުކާރުގެ އިސްވެރިން އިންތިޚާބު ކޮށްފައިވާއިރު، މިހާރު އެ ކުލަބު އަންނަނީ ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުންނެވެ. އެ ކުލަބެ މެއިން ސްޕޮންސާ އަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އާއިލީ ވިޔަފާރި ކަަމަށްވާ "ޑެމިއެޓާ" އެވެ.