ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ބޯޑު މެމްބަރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ އަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު)ގެ އަނބިކަނބަލުން އާއިޝަތު މުޒްނާ އައްޔަން ކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަން ކޮށްފައި ވަނީ، ބޯޑުގެ މެމްބަރުގެ ގޮތުގައި ކުރިން ހުންނެވި މުޙައްމަދު އާމިރު ވަކި ކުރުމަށްފަހު އެވެ.
ސްޓެލްކޯގެ ބޯޑު މެމްބަރު ކަމަށް އައްޔަން ކުރި މެމްބަރު ޝާޑުގެ އަނބިކަނބަލުން މުޒްނާ އަކީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ހުންނެވި ފަރާތެވެ. މުޒްނާ ސްޓެލްކޯގައި ވަޒީފާ އަދާ ކުރަން ފެށި 2000 ވަަނަ އަހަރު އެވެ.
ނަމަވެސް ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓުގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަަަމަށް ވަޑައިގެންނެވި ފަހުންނެވެ. އެގޮތުން، އެ މަގާމަށް މުޒްނާ އައްޔަން ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ސްޓެލްކޯގެ ބޯޑު މެމްބަރު ކަމަށް މެމްބަރު ޝާޑުގެ އަނބިކަނބަލުން މުޒްނާ އައްޔަން ކޮށްފައިވާއިރު، ބައެއް ފަރާތްތަކުން އަންނަނީ އެކަމަށް ފާޑު ވެސް ކިޔަމުންނެވެ. އެގޮތުން ސަރުކާރުގެ ނުފޫޒު ގަދަ ސިޔާސީ ބޭފުޅުންގެ އާއިލާ އަށް ނިސްބަތްވާ ފަރާތްތަކަށް ސަރުކާރާއި، ކޮމިޝަން ތަކާއި ކުންފުނިތަކުގެ ބޮޑެތި މަގާމުތައް ދެމުން އަންނާތީ، ގިނަ ބަޔަކު އަންނަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.