ށ. ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ، ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފޭދޫ ޕޮލިސް ޕޯސްޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މަހު 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ / ޒަމާނީވިލާ، 27 އަހަރުގެ މުހައްމަދު ޝާމް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ، ކުޅުދުއްފުށިން ފުރައިގެން ފޭދޫއަށް ދިޔަ ފެރީ ދޯންޏަކުން އޭނާ ފޭބުމުން، ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ސެލޯފިންކޮޅު ފެނިފައިވާތީ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ޝާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަަލަ ތަހުގީގު ކުރަމުންނެވެ.