ފުލުހުންގެ ވެލްފެއަރ ކުންފުނި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހިންގި ފްލެޓު މަޝްރޫއުގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރުމަށްޓަކާ ފުލުހުންގެ ވިޔަފާރި ކުންފުނި ޕޮލްކޯ އަށް އޭސީސީ އިން ރެއިޑްކޮށްފިއެވެ.
ނަން ހާމަކުރަން ބޭނުން ނުވާ އޭސީސީގެ އޮފިޝަލަކު ވަނީ ޕޮލްކޯ އަށް ރެއިޑްކުރިކަން ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ޕޮލްކޯ އަށް ރެއިޑްކުރީ ހޯމަ ދުވަހު ހަވީރު ކަމަށެވެ.
އެ ތަނަށް ވަދެފައި ވަނީ ކޯޓުއަމުރަކާއި އެކުގަ މައްސަލަތަކާއި ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެތަނުން އެއްވެސް ލިޔެކިޔުމެއް އޭސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާނެތޯ ރާއްޖެއެމްވީން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ މިވަގުތު އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ފުލުހުންނަށް ގުޅުމުން އޭސީސީ އިން ޕޮލްކޯ އަށް ރެއިޑް ކުރިކަން ކަށަވަރު ކޮއްދެއްވާފައި ވެއެވެ.
އޭސީސީ އިން ޕޮލްކޯ އަށް ރެއިޑްކޮށްފައި މި ވަނީ އެ ތަނުން މަޝްރޫއުގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭތީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައި ވަނިކޮށެވެ.
ރާއްޖެއެމްވީއަށް އޭސީސީން ބުނީ މިމައްސަލަ ސަމާލުކަމަށް އައުމާއެކު ތަހުގީގު ފަށާފައިވާ ކަމަށާއި، ޚާއްސަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް (ބްލީސް ހައުސިންގ ޕްރޮޖެކްޓް)ގެ ޚާއްސަ އޮޑިޓުގައި ބުނެފައި ވަނީ މިމަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައިވާ 580 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިމަޝްރޫއަށް މިހާތަނަށް ހިނގާފައިވާ ހަރަދު 481 މިލިއަން ރުފިޔާ އިތުރު ކަމަށެވެ. އެހެންކަމުން މި މަޝްރޫޢު އަށް ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގައި ނެތް ކަމަށެވެ. ހަމައެހެންމެ ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވާ ކަމަށާއި ފްރޯޑާއި، ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަންއެ މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ރިޕޯޓްގައިވެއެވެ.
އޮޑިޓް އޮފީހުން އިތުރަށް ބުނީ އެ މަސައްކަތް ހަވާލު ކުރި އަސްލު އަގަކީ 580 މިލިއަން ރުފިޔާއަށް ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު މިއީ އަކަފޫޓަކަށް (ޖުމްލަ 573،332 އަކަފޫޓު) 1،851 ރުފިޔާގެ ރޭޓުން ކޮށްފައިވާ ހަރަދެއް ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެ ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ މިފަދަ ކޮންސްޓްރަކްޝަން މަސައްކަތުގެ އެވަރެޖް އަގުކަމުގައި ބެލެވެނީ އަކަފޫޓަކަށް 1300 ރުފިޔާއާއި 1500 ރުފިޔާ ރޭޓުތަކެއް ކަމަށެވެ. އަދި މި ރޭޓުތަކަށް ބަލާއިރު، މިމަޝްރޫއުގެ އަގަށް ޖެހޭނީ 745.3 މިލިއަން ރުފިޔާ އާއި އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މި އަންދާޒާ އަގުތަކަށް ބަލާނަމަ މިމަޝްރޫއަށް 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.
މި މަސައްކަތް ކޮށްފައި ވަނީ ވަކި ފާރާތަކަށް މަންފާވާ ގޮތަށް ކަމަށް ވެސް އެ ރިޕޯޓްގައިވެއެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ޕޮލްކޯއިން މިމަޝްރޫއާއެކު ހަދާފައިވާ 628.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތަކަކީ ''މިސްޓަރ އެކްސް'' އަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ އެސޯޝިއޭޓެޑް ކުންފުނިތަކަށް ކަމަށް ބެލެވޭ ކަމަށެވެ.