އެމްޑީޕީ ސަރުކާރުން ސަޢޫދީ ފަންޑުގެ 50 މިލިއަން ޑޮލަރުގެ ލޯން އެހީގާ، ނ. މަނަދޫ، އއ. ރަސްދޫ އަދި ފުވައްމުލައް ސިޓީގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، 2024 ގައި އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރައީސް ޑރ. މުހައްމަދު މުޢިއްޒު ކާމިޔާބު ކުރުމަށް ވޯޓު ހޯދުމަށް އަބްދުއްރަހީމް އަބްދުﷲ އަދި ރައީސްގެ ކޮއްކޯފުޅު ފާތިމަދު ސައުދާ ވާދަކުރި ދާއިރާ އަށް ބަދަލުކުރި މަސްއަލަ އޭސީސީ އަށް ހުށަހަޅައިފިއެވެ.
މި މައްސަލަ އޭސީސީއަށް ހުށަހެޅީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. މާޒް ސަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީ ސަރުކާރުން ސައުދީ ފަންޑުގެ ލޯނު އެހީގައި ރާއްޖޭގެ ތިން ރަށެއްގައި 50 އެނދުގެ ތިން ހޮސްޕިޓަލް އަޅަން ނިންމައި އެކަމަށް ތިން ރަށެއް ކަނޑައެޅި، އަދި އެހޮސްޕިޓަލްތަކުގެ ކުރެހުންތަކާ އެކީ 2023 ވަނައަހަރު މިޕުރޮޕޯސަލް ވަނީ ސައޫދީ ސަރުކާރަށް ހުށަހަޅާފައެވެ. އޭރު ހިނގަމުންދިޔަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓަށް އިތުރަށް ބޭނުންވާ 100 މިލިޔަން ޑޮލަރާއި މިދެންނެވި 3 ރަށުގައި އަޅާ 50 އެނދުގެ ތިން ހޮސްޕިޓަލް އެޅުމަށް ބޭނުންވާ 50 މިލިޔަން ޑޮލަރާއި، އެކު ޖުމްލަ 150 މިލިއަންގެ ލޯނު އެޕްރޫވްވީ 2023 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ.
އަދި މި ލޯނު އެޕުރޫވު ވީނަމަވެސް އެ އެއްބަސްވުމުގައި ސޮއި ނުކުރަނީސް، ސަރުކާރު ބަދަލުވި ކަމަށާއި، ސައުދީ ފަންޑުން ދެ ޕްރޮޖެކްޓަށް ހަމަޖެއްސި ލޯނު އެއްބަސްވުމުގައި ސޮއިކުރީ 2024 މެއި 16 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގައެވެ.
ދިވެހި ސަރުކާރުން، ސައުދީ ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅިއިރު ހޮސްޕިޓަލް އަޅާނެ 3 ރަށް ކަމުގައިވާ ނ.މަނަދޫ، އއ. ރަސްދޫ އަދި ޏ. ފުވައްމުލައް އެޕުރޮޕޯސަލްގައި އޮތީ ހިމަނާފައެވެ. އަދި މި ރަށްތައް ކަނޑައަޅާ އެ 3 ރަށުގައި ހޮސްޕިޓަލް ބިނާކުރުމަށް ޕުރޮޕޯސަލް ހުށަހަޅާ އެޕުރޫވްކޮށް ނިންމާފައިވަނިކޮށް، ރައީސް މުޢިއްޒުގެ ސަރުކާރުން އެއެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވަނީ މި ހޮސްޕިޓަލްތައް އެހެން ރަށްރަށުގައި ބިނާކުރުމަށް ނިންމާ ޢިޢުލާން ކޮށްފައެވެ.
މާޒުގެ މައްސަލައިގައި ބުނެފައިވަނީ ސައުދީ ފަންޑުގެ އެހީގައި ނ. އަތޮޅު މަނަދޫގައި ބިނާކުރަން ނިންމާފައިވާ ހޮސްޕިޓަލް، މިހާރު އަޅާގޮތަށް މިސަރުކާރުން ނިންމާފައި އޮތީ ފ. ނިލަންދޫ ގައެވެ. އަދި ސަޢޫދީ ފަންޑުގެ އެހީގައި އއ.ރަސްދޫގައި ބިނާކުރަން ހަމަޖެއްސި ހޮސްޕިޓަލް މިހާރު އަޅާގޮތަށް ހަމަޖައްސާ ޢިޢުލާން ކޮށްފައިވަނީ ލ. ފޮނަދޫ ގައި ބިނާކުރުމަށެވެ. މިގޮތަށް މިބަދަލު ގެނައުމުން ރައްޔިތުން މިކަމާ ކަންބޮޑުވުން ފާޅުކުރަން ފެށުމުން، މަކަރާ ހީލަތުގެ ތެރެއިން، ރަސްދޫގައި ކުރިން ބިނާކުރަން ކަނޑައެޅި ހޮސްޕިޓަލްގެ ބަދަލުގައި އެއަށްވުރެ އާދައިގެ އެހެން ހޮސްޕިޓަލެއް ޢިމާރާތް ކުރާނެކަމަށް އަންގާފައިވެއެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ ރަނގަޅު މައުލޫމާތު ވެސް ސަރުކާރުން ނުދޭތީ ރައްޔިތުންދަނީ އެކަމާވެސް ކަންބޮޑުވުން ފާޅުކުރަމުން ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވަމުން ދިޔައިރު މި ދެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރު ފަށާނެ ކަމަށްވެސް ސަރުކާރުން ވަޢުދުވަމުން ގެންދެޔަ ކަމަށެވެ. އަދި އޭރު ނިލަންދޫ ދާއިރާއަށް ވާދަކުރައްވަމުން ގެންދެވީ މިހާރު އެދާއިރާގެ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އެވެ. އަދި ފޮނަދޫ ދާއިރާއަށް ވާދަކުރައްވަމުން ގެންދެވީ މިހާރު އެދާއިރާގެ މެންބަރު އަދި މަޖިލިސް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ އެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި އެޕްރީލް 2024 ގައި ރައީސް މުއިއްޒު ނިލަންދޫއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދެއްކެވިއިރު ހޮސްޕިޓަލް ޢިމާރާތްކުރާ ވާހަކަ އެއް ނުދައްކަވައެވެ. އެހެން ނަމަވެސް އޭރުގެ ހެލްތު މިނިސްޓަރު ޚަލީލު ވިދާޅުވީ، ސަޢުދީ ފަނޑުގެ ލޯނު އެހީގައި ނިލަންދޫގައި ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށާއި ކުރިއަށް ދަނީ އޭގެ ދަށުން ކުރަންޖެހޭ ޑިޒައިން ކުރުން ފަދަ މަސައްކަތްތައް ކަމަށެވެ.
މާޒު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ފުލީ ކޮންފަރމްޑް 50 ބެޑުގެ ޒަމާނީ ހޮސްޕިޓަލް އެޅުމަށް ކުރީ ސަރުކާރުން ޕްރޮޕޯސަލް ހުށަހެޅިއިރު ކަނޑައެޅި މަނަދޫ އާއި ރަސްދޫ އެ ޕްރޮޖެކްޓުން ބާކީ ކޮށްލީ އެއްވެސް ސަބަބެއް ނެތިއެވެ. މިމަސްއަލާގައި އެ ދެރަށުގެ ރައްޔިތުންނާއި އަދި އެ 2 އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށްކޮށްތިއްބާ ލ. ފޮނަދޫ އާއި އަދި ފ. ނިލަންދޫގައި މި 2 ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ކަމަށާއި، ސަޢުދީ ފަންޑުގެ ލޯނު އެހީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ތަކުގެ މަޝްރޫޢުގެ ވަށައިގެން ހިނގާފައި ހުރިކަންތައްތަކަށް ރިޢާޔަތްކުރާއިރު، ތުހުމަތު ކުރެވެނީ މަޤާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ވަކިކަމެއް ޙާސިލު ކުރުމުގެ މަޤުޞަދުގައި، އއ. ރަސްދޫ ގައި އަޅަން އޮތް ހޮސްޕިޓަލް ލ. ފޮނަދޫ އަށް ބަދަލުކޮށް، ނ.މަނަދޫ ގައި އަޅަން އޮތް ހޮސްޕިޓަލް ފ.ނިލަންދޫ އަށް ބަދަލު ކުރީކަމެވެ.
އެހެންކަމުން، ތުހުމަތު ކުރެވެނީ އޭރުގެ ހެލްތު މިނިސްޓަރ އަކަށް ހުންނެވި ޢަބުދުﷲ ޚަލީލު އާއި އޭރުގެ ފިނޭންސް މިނިސްޓަރ ޑރ މުޙައްމަދު ޝަފީޤު ގެ މަޤާމުގެ ނުފޫޒު އާއި ބާރު ފޯރުވައިގެން 2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލ. ފޮނަދޫއާއި ފ. ނިލަންދޫގެ މަޖިލީހުގެ ގޮނޑި ހޯދުމަށް ކުރެއްވެވި ކަމެއްގެ ގޮތުގައި ކަމަށް މާޒުގެ މައްސަލައިގައި ބުނެފައިވެއެވެ.