ނިމިދިޔަ ސަރުކާރުން ތަރައްޤީކުރަން ފެށި، 4000 ހައުސިން ޔުނިޓުގެ ތެރެއިން 700އެއްހާ ހައުސިން ޔުނިޓް ނިމުމުން ވެސް އެތަންތަން ހައްގުވެރިންނާއި ހަވާލު ނުކޮށް ވާތީ، އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވާ މައްސަލަ ބަލައި ދިނުމަށް އެދި އޭސީސީ އަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް ( މާޒް ސަލީމް)އެވެ. އޭނާ އޭސީސީ އަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ އަންގާރަ ދުވަހު މެންދުރުގެ ވަގުތެއްގައެވެ.
މި މައްސަލަ އޭސީސީ އަށް ހުށަހެޅުއްވުމަށް ފަހު މާޒް ސަލީމް ރާއްޖެޓީވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް ފައިސާ ބޭނުންކޮށްގެން ނިމިފައިވާ އެޕާރޓުމެންޓުތަކަށް ދައްކަންޖެހޭ ލޯނުފައިސާ ދެއްކުމަކީ، ދައުލަތުގެ ތަކެއްޗާއި ފައިސާގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދާއި ޚިލާފު ކަމެއް ކަމަށެވެ.
މިކަމަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢީޒު އާއި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގާ ވުޒާރާގެ މިނިސްޓަރ އާއި އަދި ފަހިދރިއުޅުން ކޯޕަރޭޝަންގެ ވެރިން ޤާނޫނީގޮތުން ޒިންމާވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތަށް ގެއްލުމެއް ނުވާނެ ގޮތަށް އަމަލުކުރެވެން އޮތްކަމެއްގައި، އެޕާރުޓުމެންޓުތައް އޭގެ ޙައްޤުވެރިންނަށް ނުދީ ހިފެހެއްޓުމުން، ދައުލަތަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެކަން އެގޮތަށް ހިނގަނީ ރައީސުލްޖުމްޙުރިއްޔާ ޑރ މުޙައްމަދު މުޢީޒް އާއި މިނިސްޓަރ އޮފް ހައުސިން އިންފުރާސްޓުރަކްޗަރ ޑރ ޢަބުދުލް މުއްތަލިބް އާއި އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް ގެ މެނޭޖިން ޑިރެކްޓަރ އަލްފާޞިލް ޙަމްދާން ޝަކީލް ގެ އިހުމާލުން ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މިހާތަނަށް ނިމިފައިވާ އެޕާރޓުމެންޓުތައް އޭގެ ޙައްޤުވެރިންނަށް ނުދީ ހިފަހައްޓަމުން ދަނީ ޒާތީ ތައައްސުބްގެ ސަބަބުން ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ދައުލަތުގެ މާލިއްޔަތައް ގެއްލުންވާގޮތަށް ހިންގަމުންދާ މި ޢަމަލަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު އާއި، މާލިއްޔަތު ޤާނޫނު އާއި އަދި ޤާނޫނުލް ޢުޤޫބާތު ތަންދޭ ކަމެއްނޫ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިފަދަ މައްސަލަތައް ނުބަލާ މުއައްސަސާތަކުން ދޫކޮށްލުމުން ދައުލަތުގެ ހުރިހާ ދިމާލަކުން ވައްކަން ކުރުމަށް މަގުފަހިވާ ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.
"ރައްޔިތުންގެ ހައްގާއި ގުޅިފައި އޮތް ކަމެއް މިއީ. އެތައް ބަޔަކު އަސާސީ ހައްގުތަކުން މަހްރޫމްވެގެން މި ދަނީ. ބާރާއި ނުފޫޒު ބޭނުން ކުރަމުން މި ދަނީ." ސަލީމް ވިދާޅުވިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ 4000 ހައުސިން ޔުނިޓުގެ ތެރޭގައި ހިމެނޭ، އަމާން ދޯދި އަދި އަމާން އުދަރެސް ޕުރޮޖެކްޓަށް އިންޑިޔާ ސަރުކާރުން ނަގާފައިވާ ލޯނަށް ކޮންމެ މަހަކު ވެސް ފައިސާ ދައްކައެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން ލޯނު ރިޕޭމަންޓުގެ ގޮތުގައި 23,392,353.31 ރ. (ތޭވީސް މިލިއަން ތިނެއް ލައްކަ ނުވަދިހަ ދޭއް ހާސް ތިނެއް ސަތޭކަ ފަންސާސް ތިނެއް ރުފިޔާ އެއްތިރީސް ލާރި) ރުފިޔާ ދައްކަމުންދާކަން ފާހަގަކޮށްލެވެއެވެ.
އެ ޕްރޮޖެކްޓުން މިހާތަނަށް ނިމިފައިވާ 744 އެޕާރޓުމަންޓު އާއި އަދި ކޮމާރޝަލް އޭރިޔާ އިން މަހަކު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ މަހަކު 10,776,000.00 ރ. (ދިހަ މިލިއަން ހަތެއް ލައްކަ ހަތްދިހަ ހަޔެއް ހާސް) ރުފިޔާއެވެ. މީގެ އިތުރުން ފަހިދިރިއުޅުން ކޯޕަރޭޝަނުން މުސާރަ އާއި ރިކަރެންޓު ޚަރަދަށް މަހަކު 3,235,640.63 ރ (ތިނެއް މިލިއަން ދޭއް ލައްކަ ތިރީސް ފަސްހާސް ހަސަތޭކަ ސާޅީސް ރުފިޔާ ފަސްދޮޅަސް ތިނެއް ލާރި) ރުފިޔާ ޚަރަދު ކުރާކަމަށް އެފަރާތުގެ ތަފާސް ހިސާބުތަކުން އެނގެން އޮވެއެވެ.
ޙައްޤުވެރިންނާ އެތަންތަން، ސަރުކާރުން ޙަވާލު ނުކުރުމުގެ ސަބަބުން، އެތަންތަނުގެ ޙައްޤުވެރިންނަށް އެތަންތަން ބޭނުންކުރަން ނުލިބުމުގެ އިތުރަށް، ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ގެއްލުންވަމުން އެބަދެއެވެ. މިފައިސާ ދައުލަތުގެ ބަޖެޓުން ދައްކަން ޖެހުނީ ދައުލަތުގެ ވަރަށް ބޮޑު އިޙުމާލަކާ އަދި ބޭއިންސާފެއް މިކަމުގައި އޮވެގެންނެވެ.