ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލަކީ ރައްޔިތުންގެ މަޖިލީހު ގެ މި އަހަރުގެ ފަހު ދައުރުގެ ފަހުން ޖަލްސާގައި ފާސް ކޮށްފައިވާ ބިލެކެވެ. އެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 63 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުން ހުށަހެޅި މި ބިލަކީ ދިވެހިރާއްޖޭ ގައި ޒަކާތް ދެއްކުމާއި، ބަލައިގަތުމާއި ޒަކާތު ގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ހުށަހެޅި ބިލެއް ކަމަށް ބިލު ހުށަހެޅުމުގެ މަގްސަދުގައި ވެއެވެ.
މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރި ކަމާއެކު ބަލަހައްޓައި އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމާއި އެ ފައިސާއިން އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށް ޓަކައި "ޒަކާތު ފަންޑު" ގެ ނަމުގައި ފަންޑެއް އުފެދުނީ އެވެ.
މި ފަންޑު ބަލަހައްޓާނީ މާލިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން ޕަބްލިކް ބޭންކް އެކައުންޓާ ވަކިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގައި ގާއިމުކުރެވޭ ވަކި އެކައުންޓެއްގަ އެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތް ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.
ޒަކާތު ފަންޑު އުފެދުމާއެކު ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ގާއިމުކޮށް ހިންގަމުން އައި "ޒަކާތު ފަންޑު" އެ ފަންޑުގައިވާ އެންމެހައި ފައިސާއާއެކު، މި ބިލުގައި ބަޔާންކުރާ ފަންޑަށް ބަދަލުވާނެ އެވެ.
މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭ ގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ އިސްލާމް ދީނާ ގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ.
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި "ޒަކާތު ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިލު ތަސްދީގުވެ، ގާނޫނަކަށްވާތާ ދެ މަސް ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހޭނެ އެވެ. އެ ކައުންސިލްގައި ތިއްބަވާނީ އިސްލާމިކް މިނިސްޓަރާއި، ޑިރެކްޓަރު ޖެނެރަލަކާއި، އެމްއެމްއޭއިން ކަނޑައަޅާ މުވައްޒަފަކާއި، ގުރުއާނާ ބެހޭ މަރުކަޒުގެ މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކާއި، ފަތުވާދޭ މަޖިލީހުގެ މުވައްޒަފަކާއި، މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ޒަކާތުގެ ކަންކަން ދަންނަ ދެ މާހިރުން ތިބެން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބަޔާން ކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވުމާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއު ކުރައްވާފަ އެވެ. ގާނޫނަށް އަމަލު ކުރަން ފަށާނީ 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.