ސްޕެނިޝް ލީގުގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ފުރުސަތު ނަގާލައިފި އެވެ.
އެސްޕަންޔޯލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 1-0 އިން ރެއާލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި އެސްޕަންޔޯލް އިން ލަނޑު ޖެހީ ވެސް މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ.
މެޗު ފަށައިގެން 21 ވަނަ މިނެޓުގައި ރެއާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ވަނީ ލަނޑު ޖަހައި އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. ނަމަވެސް އެ ލަނޑު ޖެހުމުގެ ކުރިން ރެއާލްގެ ކީލިއަން އެމްބާޕޭ އެސްޕަންޔޯލްގެ ކުޅުންތެރިޔަކަށް ފައުލުކޮށްފައިވާތީ، ރެފްރީ ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.
މެޗުގައިި ލީޑު ނެގުމަށް ރެއާލް އިން މަސައްކަތް ކުރަމުން ދަނިކޮށް، އެސްޕަންޔޯލް އިން ވަނީ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، އެސްޕަންޔޯލް އަށް ކުރި ހޯދައިދިނީ ކާލޯސް ރޮމޭރޯ އެވެ. އެއީ އެ ޓީމުގެ އުމަރު އަލް ޙިލާލް ދިން ފުރުސަތެއްގައި ލިބުނު ބޯޅަ އިން އޭނާ ޖެހި ލަނޑެކެވެ.
މެޗުން މޮޅުވެ އެއް ވަަނައިގައި ލީޑު ފުޅާ ކުރުމަށް އޮތް ފުރުސަތު ރެއާލުން ވަނީ ނަގާލައިފަ އެވެ. ބައްޔާ އެކު ރެއާލަށް މިހާރު އެއް ވަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑެކެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 49 ޕޮއިންޓާ އެކު އެވެ. ހަަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 48 ޕޮއިންޓެވެ. އެ ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން ތިން ވަނައިގައި ބާސެލޯނާ އަށް ލިބެނީ 42 ޕޮއިންޓެވެ.