ކ. މާލެ
|
1 ފެބްރުއަރީ 2025 | ހޮނިހިރު 08:13
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަަރީގެ މަގާމުގައި ހުރި ނާހިލް
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަަރީގެ މަގާމުގައި ހުރި ނާހިލް
ސޯޝަލް މީޑިއާ
އެފްއޭއެމް
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ނާހިލް އިސްތިއުފާ ދެއްވައިފި
އެކަމުގައި މިވަގުތު މާބޮޑު ތަފްސީލަކަށް ދާން ބޭނުން ނުވާ ކަމުގައި ވެސް ނާހިލް ވަނީ ވިދާޅުވެފަ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި، އަޙުމަދު ނާހިލް ޞިއްދީޤު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ނާހިލް ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ މަގާމުން ނާހިލް އިސްތިއުފާ ދެއްވާފައި ވަނީ، ބުދަ ދުވަހުގެ ވަގުތެއްގަ އެވެ.

އެކަމާ ގުޅިގެން "ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން ނާހިލް ވިދާޅުވެފައި ވަނީ އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަޤާމުން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަަމަށެވެ. އަދި އެކަމުގައި މިވަގުތު މާބޮޑު ތަފްސީލަކަށް ދާން ބޭނުން ނުވާ ކަމުގައި ވެސް ނާހިލް ވަނީ ވިދާޅުވެފަ އެވެ.

ނާހިލްގެ އިސްތިއުފާއާ ގުޅޭ ގޮތުން އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމެޓީގެ ޗެއަރމަން އަޙުމަދު ޒުހޫރު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ، މަގާމުން ނާހިލް އިސްތިއުފާ ދެއްވާފައި ވަނީ އެ މަގާމުން އޭނާ ވަކި ކުރުމަށް ނޯމަލައިޒިންގ ކޮމެޓީން ނިންމާފައި ވަނިކޮށް ކަމަށެވެ. އެއީ ނޯމަލައިޒިންގ ކޮމެޓީގެ ނިންމުން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަށް ވެސް ހިއްސާކޮށްފައިވާނެ ކަމުގައި ޒުހޫރު ވިދާޅުވި އެވެ.

އުމުރުން 24 އަހަރުގެ ނާހިލް އަކީ އެފްއޭއެމްގައި އެ ފަދަ އިސް މަގާމެއް އަދާ ކުރި އެންމެ ޒުވާން ފަރާތެކެވެ. އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވުމުގެ ކުރިން ނާހިލް ހުރީ ސިޔާސީ މަޤާމެއްގަ އެވެ. އެގޮތުން އޭނާ ވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޕޮލިޓިކަލް ޑިރެކްޓަރުގެ ވަޒީފާ އަދާ ކޮށްފަ އެވެ. އެ ވަޒީފާގެ ކުރިން ނާހިލް ވަނީ އެފްއޭއެމްގައި ވެސް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ނާހިލް ވަނީ އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުގައި މަސައްކަތްކޮށް، އެ ޑިޕާޓްމަންޓު ވަގުތީ ގޮތުން ހިންގުމާ ވެސް ހަވާލުވެފަ އެވެ.

ނާހިލްގެ ކުރިން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުރީ މުޙައްމަދު ޖައުޝަން ޝަރީފު (ޖައު) އެވެ. އެ މަގާމަށް ޖައު ހަމަޖެއްސީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ޙުސެއިން ޖަވާޒު (ޖަވާ) އިސްތިއުފާ ދެއްވުމާާ ގުޅިގެންނެވެ. ވަގުތީ ގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުރި ޖައުގ ދައުރު ހަމަވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ޖައުޝަންގެ ދައުރު ހަމަވުމާއެކު އެފްއޭއެމުން ވަނީ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފަ އެވެ. އެ އިއުލާނާ ގުޅިގެން އެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން، އެންމެ މަތިން މާކްސް ލިބުނީ ނާހިލް އަށެވެ.

- ކޮމެންޓް