މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ފޯމު ފުރާ މައްސަލަ ބެލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުން ވަގަށް އެހެނިހެން ޕާޓީތަކުގެ ދަފްތަރުގައި ހިމެނުން ކުށްވެރިކޮށް މައްސަލަ ބެލުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
އެ ޕާޓީން އެފަދައިން ބުނެފައި ވަނީ އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނަމުންދާ ކަމަށެވެ.
ވަކިން ހާއްސަކޮށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ގިނަ ޝަކުވާތަކެއް އެ ޕާޓީއަށް ވަނީ ލިބި ކަމަށް އެމްޑީޕީން ބުނެއެވެ.
އެގޮތުން، ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެހެންކަމުން އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން އެ ޕާޓީން ވަނީ ކުށްވެރިކޮށްފައެވެ.
މީގެ އިތުރުން އެހެނިހެން ބައެއް ޕާޓީތަކުގެ ދަފްތަރުގައި ވެސް އެމްޑީޕީގެ މެމްބަރުން ހިމަނާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އެހެންކަމުން މި މައްސަލަތައް ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް މި ޕާޓީގެ ފަރާތުން ހުށަހަޅާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާކަން މިކަމުން އެނ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައި މިކަން ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދިޔުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މިފަދަ ގިނަ މައްސަލަތަކެއް ތިލަވެފައިވާއިރު ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތްތައް އިތުރަށް ހަރުދަނާކޮށް ވަގު ފޯމު ފުރައިގެން ޕީއެންސީގެ ދަފްތަރަށް މީހުން އިތުރުކުރަން ހުރި ދޮރުތައް ބަންދުކުރުމަށް އިލެކްޝަން ކޮމިޝަނަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
ހަމައެހެންމެ، ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ފޯމު ފުރައި މެމްބަރޝިޕް އިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
އޭގެ އިތުރުން، ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް މުއައްސަސާތަކަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.