މި ހިނގާ 2025 ވަނަ އަހަރަށް ކަނޑައެޅީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކަނޑައެޅި އެންމެ ބޮޑު ބަޖެޓު ނަމަވެސް އަހަރު ނިމިގެން މި ދަނީ އެންމެ ފްލެޓެއްގެ ވެސް ބިންގާ ނޭޅި ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ޕީޓްރަލް ޕާކުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ މި ސަރުކާރަކީ ދޮގާ މަކަރުން ހިންގާ ސަރުކާރެއް ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުން ފެށިގެން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ގެންދަވަނީ މޮޅެތި ވާހަކަތަކެއް ރައްޔިތުންގާތު ދައްކަވަމުން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ނަމަވެސް މިހާތަނަށް ވެސް ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއެއް ވެސް ނުފެށޭ ކަމަށާ އެންމެ ފްލެޓެއްގެ ބިންގާ ވެސް ނޭޅޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މިހާރު ދައްކަމުންދާ ވާހަކައަކީ ކުރިއަށް އޮތް އަހަރަކީ ހައުސިންގ ބަޖެޓެކޭ. ރަށްރަށުގަ ބޯހިޔާވަހިކަމުގެ ކަންތައްތައް ތިމަންމަނިކުފާނު ކުރައްވާނަމޭ. އެހެން ނަމަވެސް މިއަހަރު ދިވެހި ރައްޔިތުންނަށް ބަޖެޓު ފާސްކޮށްދެއްވަން އެ އާދޭސް ކުރަމުން ގެންދިޔައިރު ޕީއެންސީ މެންބަރުން އާދޭސް ކުރަމުން ދިޔައިރު ވިދާޅުވީ މި ބަޖެޓަކީ، 2025 ވަނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެކޭ. މި ބަޖެޓުގައި އެކެއް ޕޮއިންޓް އެތައް ބިލިއަން ރުފިޔާއެއް އެކަށައަޅާފަ އޮތީ ހަމަ ސީދާ ބޯހިޔާވަހިކަމަށޭ. އެހެން ނަމަވެސް އަހަރު ނިމިގެން މި ދަނީ އެންމެ ފްލެޓެއްގެ ބިންގާ ވެސް ނޭޅޭ. އެންމެ ރަށެއްގަ ވެސް ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ނުފެށޭ.
މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ![]()
ބޯހިޔާވަހިކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިފަހުން ވިދާޅުވެފައިވަނީ ރައްޔިތުން މިއަދު ތިބީ ގަރުދިޔަ ކާންޖެހޭ ހާލަތުގައި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު ވިދާޅުވުމަށްފަހު، ފްލެޓްތަކުގެ ކުލި ބޮޑުކޮށް އިތުރު ޑައުންޕޭމަންޓެއް ނެގުމަށް ސަރުކާރުން ނިންމާފައިވަނީ ރައްޔިތުންނަށް މަލާމާތް ކުރުމުގެ ގޮތުން ކަމަށެވެ.
މެންބަރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ހުޅުމާލޭގައި 7,000 ފްލެޓް އެޅުމަށް ވައުދުވެ، ފުރަތަމަ ބުރުގައި 11,000 ފަރާތަކަށް ފްލެޓް ލިބޭނެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 7,000 ފްލެޓް އެޅުމަށް އިންޑިއާގެ އެލްއޯސީގެ ދަށުން ކުންފުންޏަކާ ހަވާލުކުރެވި، 4,000 ފްލެޓް ނިމި، އިތުރު 3,000 ފްލެޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އޭގެ އިތުރުން 1,000 ފްލެޓް އެޕޯލޯއާ ހަވާލުކުރެވިގެން ކުރިއަށްދާކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީ ސަރުކާރު ނިމުނުއިރު 200,000 އެއްހާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް މަގުފަހިވާނެ ގޮތަށް ކަންކަން ރޭވިފައިވެއެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކުމަށް 600 މިލިއަން ޑޮލަރު ޚަރަދުކުރަން ނިންމާފައިވާއިރު، އެމްޑީޕީ ސަރުކާރުން ފަށާފައިވާ ގުޅީފަޅު، އުތުރު ތިލަފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް 3 ގެ މަޝްރޫޢުތަކަށް ބޭނުންވަނީ އެންމެ 300 މިލިއަން ޑޮލަރު ކަމަށް މައުރޫފް ވިދާޅުވިއެވެ.