ފަޔަށް ރަތް ހިނި އަރައިގެން އުޅޭ މީހެއް ގޮތަށް ރާއްޖޭގެ ރައީސް ތެޅިފޮޅުނީމާ ސާބިތުވަނީ ސަރުކާރަށް ބޮޑު ގޯސްތަކެއް ހެދިއްޖެ ކަން ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އިން ހުކުރު ދުވަހުގެ ރޭ ޕީޓްރަލް ޕާކުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިއްޕެ ވިދާޅުވީ އެންމެ ފަހުން އެމްޑީޕީ އިން ބޭއްވި އެއްވުމާ ގުޅިގެން ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު ފެނިގެން ދިޔައީ ވަރަށް ބޮޑަށް ފަޔަށް ރަތް ހިނި އަރައިގެން އުޅޭ، ތެޅިފޮޅެމުން ދިއަ މީހެއްގެ ގޮތުގައި ކަމަށެވެ.
ޝިއްޕެ ވިދާޅުވީ ހަމައެކަނި އެ އުޅުއްވި ގޮތުން ވެސް ވަރަށް ބައިވަރު ގޯސް ކަންތައްތަކެއް ކޮށްފިކަން ހާމަވެއްޖެ ކަމަށެވެ. އެ އުޅުއްވި ގޮތުން ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކަށް އިހުމާލު ވެއްޖެކަން ހާމަވެއްޖެ ކަމަށާ އެ އުޅުއްވިގޮތުން ރާއްޖޭގެ ބައިތުލްމާލުން ބޮޑެތި ވައްކަންތަކެއް ކޮށްފިކަން ވެސް ހާމަވެއްޖެ ކަމަށް ޝިއްޕެ ވިދާޅުވިއެވެ.
އެ އުޅުއްވި ގޮތުން އެބަ އެނގޭ އަދި ތިމަންނައަކަށް މުލިއާގޭގަ ފަސޭހަކޮށް ނިދާލައިގެން އޮވެވޭކަށް ނެތް ކަން. މި ދަންނަވަނީ ނޯވެވޭނެއޭ. އޮތަކަ ނުވެސް ދޭނަމޭ. ރާއްޖޭގެ ރައްޔިތުން މާލެ އަރައި ތި ނޭއްގާނީ އަމަލުތަކުން އަޅުގަނޑުމެން އަރައިގަންނާނަމޭ،
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ)![]()
ޝިއްޕެ ވަނީ އެހެން ކަމުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީ އިން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާ ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެ ޕާޓީން ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޝިއްޕެ ގޮވާލެއްވިއެވެ.
އޮކްޓޯބަރ 31 އަދި ނޮވެމްބަރ 17 ވަނަ ދުވަހު ބާއްވާ އެއްވުން ތަކަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ޚާއްސަ ތައްޔާރީތަކެއް ވުމަށް ވެސް ފާސްކޮށްފައިވެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ބައްދަލުވުމުގައި ޒުވާނުންގެ ހިތްވަރުން ގދ. އަތޮޅުގެ ކައުންސިލް މެމްބަރު އަލީ މުއައްވިޒު ވަނީ އޮކްޓޯބަރ 31 އަދި ނޮވެމްބަރ 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް ތައްޔާރުވުމުގައި އެ ކައުންސިލްގެ ދައުރު އިތުރުކުރުމަށް ގޮވާލާ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުން ފާސްކުރީ ޒުވާނުންގެ ހިތްވަރުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.