ކ. މާލެ
|
12 ޑިސެންބަރ 2024 | ބުރާސްފަތި 20:54
މުހައްމަދު އަބްދުﷲ (މުހަންމާ) އެމްޑީޕީ އަށް ސޮއިކޮށް ފޯމު ހަވާލު ކުރަނީ (ފައިލް)
މުހައްމަދު އަބްދުﷲ (މުހަންމާ) އެމްޑީޕީ އަށް ސޮއިކޮށް ފޯމު ހަވާލު ކުރަނީ (ފައިލް)
ސޯޝަލް މީޑިއާ
މިނިވަން މުއައްސަސާ
ބްރޯޑްކޮމް އަށް އައްޔަން ކުރުމަށް ރައީސް އެންމެ އިސްކަން ދެއްވީ ކޮމީޑިއަން މުހަންމާ އަށް
ބްރޯޑްކޮމް އިން ހުސްވާ 2 ޖާގަ އަށް 12 ނަމެއް އަދި އިލެކްޝަންސް ކޮމިޝަނުން ހުސްވި ދެ ޖާގައަށް 2 ނަން ވަނީ މަޖިލީހަށް ފޮނުއްވާފައި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށާއި އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުއްވައިފިއެވެ.

ބްރޯޑްކޮމް އިން ހުސްވާ ދެ ޖާގަ އަށް 12 ނަމެއް ފޮނުއްވާފައިވެއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަށް 2 ނަމެއް ވަނީ ވަނީ ފޮނުއްވާފައެވެ.

ބްރޯޑްކޮމް އިން ހުސްވާ ދެ ޖާގަ އަކީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ކޮމިޝަންގެ މެމްބަރު އަލީ ޔޫސުފްގެ ފަސް އަހަރުގެ ދައުރު ހަމަވާތީ ހުސްވާ ދެ ޖާގައެވެ.

މެންބަރުކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ބްރޯޑްކޮމް އަށް އައްޔަން ކުރުމަށް ރައީސް މުއިއްޒު އެންމެ އިސްކަން ދެއްވާފައިވަނީ މަޝްހޫރު ކޮމީޑިއަން މުހައްމަދު އަބްދުﷲ (މުހަންމާ) އަށެވެ.

މުހަންމާ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް މެމްބަރެއްގެ ގޮތުގައި އިހަވަންދޫ ދާއިރާގެ މެމްބަރ ކަން ކުރެއްވި ފަރާތެކެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވުމާ ގުޅިގެން މުހަންމާ ވަނީ ޕީޕީއެމް އިން ވަކިކޮށްފަ އެވެ. އަދި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް އޭރު ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން އިލެކްޝަން ކޮމިޝަނުން އޭރު މުހަންމާގެ ގޮނޑި ގެއްލުނު ކަމަށް ނިންމި އެވެ. އެކަމަކު ސްްޕްރީމް ކޯޓުން ފަހުން ވަނީ މުހަންމާގެ ގޮނޑި ނުގެއްލޭ ކަަމަށް ހުކުމްކޮށްފަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާ އެމްޑީޕީ އަށް ސޮއިކުރެއްވިއެވެ. އެހެން ނަމަވެސް މިދިޔަ ރިޔާސީ އިންތިޚާބުގައި އޭނާ ވަނީ ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރި ކެމްޕޭންގައި ބައިވެރިވެ މުއިއްޒަށް މަސައްކަތް ކޮށްދެއްވާފައެވެ.

ބްރޯޑްކޮމް ގެ ލިސްޓުގައި ދެން އެންމެ އިސްކަން ދެއްވާފައިވަނީ އިބްރާހިމް މުއާޒް އަލީ (ޓީވީ މުއާ) އަށެވެ. މުއާޒް އަކީ ރައީސް ޔާމީން ގެ ވަރަށް އަރިހުގައި ޕީޕީއެމްގައި މަސައްކަތް ކުރެއްވި ފަރާތެކެވެ.

އޭގެ އިތުރުން ބްރޯޑްކޮމް އަށް 2 މެމްބަރުން އައްޔަން ކުރުމަށް ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނޭ ފަރާތްތަކަކީ:  

- އިބްރާޙިމް އަޝްރަފް؛

- ލެފްޓިނެންޓް ކާނަލް ރިޓަޔަރޑް، އަލްއުތާޛް ޒުބައިރު އަޙުމަދު މަނިކު؛

- ޢަބްދުﷲ ހުމައިދު؛

- އައިޝަތު ދިޔާނާ ޠޯހިރު؛

- އަލްއުތާޛާ އައިމިނަތު ސަރާހަތު އިއްޒަތު؛

- ޝިމްލާ އަހުމަދު؛

- އިސްމާއިލް ޝަފީގު؛

- ޝިފްޒާ މުސްތަފާ؛

- އަލީ ނިޝާން؛ އަދި

- މުޙައްމަދު ޝަމީމް އެވެ.

އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ މުޙައްމަދު ޒާހިދު އަދި އަބްދުއްރަހުމާން ސޮލާހު ރަޝީދުގެ ނަމެވެ.

އިލެކްޝަންސް ކޮމިޝަނުން ދެ ޖާގަ ހުސްވަނީ ނައިބު ރައީސް ޢަލީ ނަޝާތާއި، ކޮމިޝަންގެ މެންބަރު މުޙައްމަދު އާސިފް މަޤާމުން ވަކިކުރުމަށް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު އެ މަގާމުތައް ހުސްކޮވެފައިވާތީއެވެ. އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް މަޖިލީހުން ގެނައި ބަދަލާއެކު ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އަށް މިހާރު ބާރު ލިބިއެވެ. މި ބަދަލާއެކު ކޮމިޝަންގެ މިނިވަންކަން ގެއްލި ސިޔާސީ ނުފޫޒް ކޮމިޝަންގެ މައްޗަށް ފޯރާނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

- ކޮމެންޓް