ރައްޔިތުންނަށް އަނިޔާވެރި ވާނަމަ ދިވެހިން އަމަލު ކުރާނީ ދިވެހި ތާރީހުގެ ފޮތްތަކުން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް އެފަދައިން ވިދާޅުވީ ހޯމަ ދުވަހު ހަވީރު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުޅުދުއްފުށީގައި ދާދިފަހުން ޤާނޫނުއަސާސީގެ ދިފާއުގައި ކުރިއަށްގެންދިޔަ ޖަލްސާގައި ރައީސަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަކާއި ގުޅިގެން އީސީ އިން އެ ޕާޓީ އަށް ސިޓީ އެއް ފޮނުވާފައިވާތީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ޖަލްސާގައި ވާހަކަދެއްކި މީހަކު ވަނީ އަނިޔާވެރިވާނަމަ މުހައްމަދު އަމީން އާ އެއްފަދައަކުން އަމަލުކޮށްފާނެ ކަަމަށް ދޭހަވާ ގޮތައް ވާހަކަދައްކަވާފައެވެ. ފައްޔާޒް ވިދާޅުވީ އެ ވާހަކަތައް ދެއްކި މީހާ އެ ވާހަކަ ދައްކާފައި ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ނަސޭހަތެއް ނިނުމުގެ ގޮތުން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި އެމްޑީޕީ އަކީ އަނިޔާވެރިކަަމަށް ހިތްވަރުދޭ ޕާޓީ އެއް ނޫންކަމަށް ފައްޔަޒް ވަނީ ފާހަގަކުރައްވާފައެވެ. އަނިޔާވެރިވުމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި ދިވެހިން އަބަދުވެސް އަނިޔާ އާއި ދެކޮޅަށް ތެދުވާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭނީ. އެހެން ކޮން ގޮތެއްތޯ ހަދާނީ. އެއީ ދިވެހިރާއްޖޭގެ ތާރީހުދައްކާފަ އޮތް ހަގީގަތް. އިނގޭތޯ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކުޅުދުއްފުށީ ޕޯޑިއަމްގައި އެ ބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް މިއަދު އެ ހުންނެވި ޑރ.މުއިއްޒު އަށް ނަސޭހަތުގެ ގޮތުގަ. އެހެންވިޔަ ނުދޭށޭ އެ ބޭފުޅަކު ވިދާޅުވީ. އެހެންވީމަ ޕޯޑިއަމްއެއްގަ ދިވެހިރާއްޖޭގެ ތާރީހުގަ ހިނގާފަ ހުރިކަންކަން ވެރިންނަށް ހަނދާންކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެއީ އެހާ ކައިންޑް ޕޮލިޓިކްސް އެއް އޮތް ގައުމެއް ނޫން މިއީ އިނގިރޭސި ބަހުން ދަންނަވާނަމަ، އެއީ ހަގީގަތް، އަނިޔާވެރި ބަޔަކު ނަމަ އަނިޔާވެރިވާނެ. އެހެންވީމަ މުހައްމަދު އަމީނެއް ކަމެއް އަޅުގަނޑަކަށް ނޭނގެ. އަނދިރިއަނދިރިންނަށް ހެދި ގޮތެއް ކަމެއް ނޭނގެ. ރައްޔިތުންނަށް އަނިޔާވެރި ނުވާތި. ރައްޔިތުންނަށް އަނިޔާވެރިވާނަމަ ދިވެހި ތާރީހުގެ ފޮތްތަކުން ދިވެހި ރައްޔިތުން ކުޅޭނެ. އިނގޭތޯ.އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް
ފައްޔާޒް މިފަދައިން ވިދާޅުވެފައި ވާއިރު ގާނޫނާ އެއްގޮތައް ކަންކަން ގެންދިޔުމަށް އީސީން ވަނީ އެމްޑީޕީ އަށް ސިޓީ އެއް ހޯމަ ދުވަހު ފޮނުވާފައެވެ. ސިޓީ އާ ބެހޭ ގޮތުން ފައްޔާޒު ވިދާޅުވީ، އެއީ ކޮންކަމެއް ގާނޫނާ ޚިލާފަށް ކުރެވިގެން ފޮނުވި ސިޓީއެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، ނުވަތަ ހުރިހާ ޕާޓީ އަކަށް ފޮނުވި ސިޓީ އެއް އެމްޑީޕީ އަށް ފޮނުވީ ކަމެއް ސާފު ނުވާ ކަމަށެވެ. އަދި ޕާޓީން އެކަން ސާފު ކުރައްވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އާއި ސަރުކާރަށް ފާޑުކިޔާ މީހުންގެ އަނގަ ބަންދުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކާއި އާއްމުން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން ފުލުހުން މެދުވެރިކޮށް މައްސަލަ ބެލުމާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ޕާޓީތަކަށް ބިރު ދެއްކުމުގެ އަމަލުތައް ހިންގަމުންދާ ކަަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.