ކާވާ ފިރިހެން ވޮލީބޯޅަ ޗެމްޕިއަންޝިޕުގައި ދިވެހި ރާއްޖެ އިން ކުޅުނު ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާނުން ވެސް ރާއްޖޭގެ މައްޗަށް ކުރި ހޯދައިފި އެވެ.
މުބާރާތުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، ދެ ވަނަ މެޗުގައި ތުރުކެމިނިސްތާން އަތުން ބަލިވީ ފަސް ސެޓު ކުޅެގެންނެވެ. ތިން ވަނަ މެޗުގައި އަފްޣާނިސްތާނާ ދެކޮޅަަށް ނިކުތްއިރު، އެ މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އަދި ހަތަރު ވަނަ މެޗުގައި އަންގާރަ ދުވަހު މުބާރާތް ބާއްވާ ޤައުމު އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެފަ އެވެ.
އެ މެޗުގެ ސެޓުތައް އުޒްބަކިސްތާން އިން ކާމިޔާބު ކުރީ 27-25، 25-14 އަދި 25-20 އިންނެވެ. މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ވެސް އުޒްބަކިސްތާން އިން ދިޔައީ ރަނގަޅަށް ކުޅެމުންނެވެ. އުޒްބަކިސްތާން އިން ލީޑުގައި އޮވެ ކުޅެމުން ދިޔަ ނަމަވެސް، ރާއްޖެ އިން ސެޓުގެ ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. އޭގެ ފަހުން ރާއްޖެ އިން ސެޓުގައި ލީޑު ނަގައި، ސެޓު ނިންމާނެ ފުރުސަތު ވެސް ހޯދި އެވެ. ނަމަވެސް ރާއްޖެ އަށް ނިންމަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރު، އުޒްބަކިސްތާން އިން ވަނީ ފަހަތުން އަރައި ސެޓު ކާމިޔާބު ކޮށްފަ އެވެ.
ދެ ވަނަ ސެޓު ފަށައިގެން ކުރީ ކޮޅު ރާއްޖެ އިން ރަނގަޅަށް ކުޅުނު ނަމަވެސް، ވަކި ހިސާބަކުން އުޒްބަކިސްތާނުން ވަނީ ލީޑުގައި އޮވެ ކުޅެފަ އެވެ. މި ސެޓުގެ ފަހު ކޮޅަށް ދިޔައިރު، އުޒްބަކިސްތާނުން ވަނީ އެގާރަ ޕޮއިންޓުގެ ލީޑެއް ވެސް ނަގައިފަ އެވެ. އެ ލީޑުގައި އޮވެ އުޒްބަކިސްތާން އިން ދެ ވަނަ ސެޓު ވެސް ކާމިޔާބު ކުރި އެވެ. ތިން ވަނަ ސެޓުގައި ވެސް އުޒްބަކިސްތާން އިން ވަނީ ލީޑުގައި އޮވެ ކުޅެފަ އެވެ.
ހަތް ޤައުމު ވާދަކުރާ މުބާރާތުގެ ލީގު ބުރުގައި ރާއްޖޭގެ ފަހު މެޗުގައި ބުދަ ދުވަހު ނިކުންނާނީ ތަޖަކިސްތާނާ ދެކޮޅަށެވެ.