ކާވާ ފިރިހެން ވޮލީބޯޅަ ޗެމްޕިއަންޝިޕުގައި ދިވެހި ރާއްޖެ އިން ކުޅުނު ތިން ވަނަ މެޗުގައި އަފްޣާނިސްތާން އަތުން ވެސް ބަލިވެެއްޖެ އެވެ.
މުބާރާތުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، ދެ ވަނަ މެޗުގައި ތުރުކެމިނިސްތާން އަތުން ބަލިވީ ފަސް ސެޓު ކުޅެގެންނެވެ. ތިން ވަނަ މެޗުގައި އާދީއްތަ ދުވަހު ރާއްޖެ އިން އަފްޣާނިސްތާނާ ދެކޮޅަަށް ނިކުތްއިރު، އެ މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓުތައް އަފްޣާނިސްތާން އިން ކާމިޔާބު ކުރީ 25-19، 25-18 އަދި 28-26 އިންނެވެ. މެޗުގެ ފުރަތަމަ ސެޓާއި ދެ ވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނުއިރު، ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ގޯސްތަކެއް ވެސް ފެނުނެވެ. ނަމަވެސް ތިން ވަނަ ސެޓުގައި ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، މި ސެޓުގެ ކުޅުން ދިޔައީ ވާދަވެރިކޮށެވެ. ރާއްޖެ އިން ވަނީ ތިން ވަނަ ސެޓު ނިންމާނެ ފުރުސަތު ވެސް ހޯދައިފަ އެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ރާއްޖެ އަށް ނުކުރެވި، އަފްޣާނިސްތާން އިން މި ސެޓު ވެސް ކާމިޔާބު ކުރި އެވެ.
ހަތް ޤައުމު ވާދަކުރާ މުބާރާތުގައި ރާއްޖޭގެ ހަތަރު ވަނަ މެޗުގައި އަންގާރަ ދުވަހު ނިކުންނާނީ އުޒްބަކިސްތާނާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ތަޖަކިސްތާނާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހު އެވެ.