އަންހެން ސާފު ޗެމްޕިއަންޝިޕުގައި ދިވެހި ރާއްޖެ އިން ކުޅުނު ދެ ވަނަ މެޗުގައި ތަފާތު ބޮޑު ނަތީޖާ އަކުން ނޭޕާލް އަތުން ބަލިވެއްޖެ އެވެ.
ހަތް ޤައުމު ވާދަކުރާ މި މުބާާރާތުގައި ރާއްޖެ އޮތީ ގުރޫޕު ބީގަ އެވެ. މި ގުރޫޕުގައި ރާއްޖެ އާއެކު ދެން އޮތީ ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ. ގުރޫޕު ސްޓޭޖުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-0ންނެވެ. ދެ ވަނަ މެޗުގައި ހޯމަ ދުވަހުގެ ރޭ ނޭޕާލާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ، 11-0ންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނޭޕާލް އިން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އަނެއް ހަތް ލަނޑު ވެސް އެ ޓީމުން ޖެހީ މެޗުގެ ފަހު ހާފުގަ އެވެ. މެޗުގައި ނޭޕާލްގެ ލަނޑުތައް ޖެހީ ޕްރިތީ ރާއީ، ސަބީތާ ރަނާ މަގަރް، ރޭކާ ޕައުދާލް، އަނީތާ ކޭސީ އަދި އަމީޝާ ކާކީ އެވެ. މީގެ ތެރެއިން ޕައުދާލް ވަނީ މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ. އަދި ރާއީ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަމަކޮށްފަ އެވެ. ދެން ކޮންމެ ކުޅުންތެރިޔަކު ވެސް ވަނީ އެއް ލަނޑު ޖަހައިފަ އެވެ.
މި ނަތީޖާ އާއެކު ރާއްޖެ އަށް ވަނީ މުބާރާތް ނިމިފަ އެވެ. ރާއްޖެ ހިމެނޭ ގުރޫޕު ބީގައި ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ. ރާއްޖެ އަތުން މޮޅުވި ނޭޕާލް އަދި ބޫޓާން އަށް ލިބެނީ ހަތަރު ޕޮއިންޓެވެ. ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ނޭޕާލް އެވެ. ފުރަތަމަ މެޗުގައި ރާއްޖެ ބަލިކުރި ލަންކާ އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. މުބާރާތުގައި ރާއްޖޭގެ ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހު އެވެ.